ޚަބަރު

"އިންޑިއާ އައުޓް" އަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ނުރައްކާތެރި ކެމްޕޭން: މާރިޔާ

މުހައްމަދު އިޝާން

1

އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ނުރައްކާތެރި ކެމްޕޭން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 އަށް މާރިޔާ އާއި އެމްއެންޑީއެފްގެ އިސް ބޭފުޅުން ހާޒިރުކޮށް އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތައް ލިބިދާނެ ނުރައްކަލާއި އެ ކެމްޕޭނުގެ ސަބަބުން ދިމާވެދާނެ އަދި ދިމާވަމުންދާ ދަތިތަކާ ގުޅޭ މައުލޫމާތު ވަނީ އޮޅުންފިލުވައިފައެވެ.

އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަކީ ރައީސް ޔާމީން އެމަނިކުފާނުގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ޖަރީމާތަކާއި ނުހައްގުން މީހުން ހައްޔަރުކުރުމާއި މީޑިއާ ސްޓޭޝަނެއް ރޯކޮށްލި ވާހަކައިގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދު އާއި ނޫސްވެރިޔާ އަހުމަދު ރިލުވާން މަރުގެ މައްސަލަ އޮއްބާލުމަށް ކުރިއަށް ގެންދާ ނާތަހުޒީބީ އަމަލެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ ރައީސް ޔާމީން އެކުރައްވާ ކަމުގެ ސަބަބުން މުޅި ގައުމުގެ ސަލާމަތަށް ނުރައްކާ އެބައޮތް ކަމަށެވެ. އަދި ރައީސް ޔާމީން ގައުމާއި ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާނަމަ އެފަދަ ކެމްޕޭނެއް ކުރިއަށް ނުގެންދާނެ ކަމަށެވެ.

އެ ކެމްޕޭން ކުރަމުންދަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އޮވެގެން ނޫން ކަމަށާއި ރައީސް ޔާމީނަކީ ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅެއްނަމަ އެ ކެމްޕޭނު ކުރިއަށް ނުގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ޖަލްސާތަކުގައި އެކަމަނާއަކީ ހާއިނެއް ނުވަތަ ގައްދާރެއްގެ ގޮތުގައި ސިފަކޮށް ރައީސް ޔާމީން އާއި އެމަނިކުފާނު ލީޑުކުރައްވާ ޕީޕީއެމް/ޕީއެންސީ ބޭފުޅުން ދައްކަވާ ވާހަކަތަކާ ގުޅިގެން މާރިޔާ ވިދާޅުވީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމެއް ބުރޫ އަރާފާނެ ކަމެއް ކުރައްވާފައިނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން 241 ކޮމިޓީގެ މެމްބަރުންނަށާއި އިދިކޮޅު ކޯލިޝަންގެ ބޭފުޅުންނަށް ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރޭ، އަދި ނުވެސް ކުރާނެ. މިކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ދިވެހި ރައްޔިތުންނަށް އަރުވަން،" މާރިޔާ ވިދާޅުވިއެވެ.

"އަވައްޓެރި އިންޑިއާއާ ޖެހިވަޑައިގަތުމަށްފަހު ދެން ރައީސް ޔާމީން ކުރައްވާނެކަމަކީ އަވައްޓެރި އެހެން ގައުމުތައް ކަމަށްވާ ބަންގުލަދޭޝް އާއި ސްރިލަންކާއާ ޖެހިވަޑައިގެން އެގައުމުތަކާއި ރާއްޖެއާ އޮންނަ ގުޅުމަށް ބުރޫ އެރުވުމުގެ މަސައްކަތް،" މާރިޔާ ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕޭން ސިފަކޮށްދެއްވައި މާރިޔާ ވިދާޅުވީ އެ ކެމްޕޭނަކީ ދިވެހި ގައުމުގެ ސަލާމަތާއި ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާ ގޮތަށް މިފަހުން ހިންގާ އެންމެ ނުރައްކާތެރި ކެމްޕޭނު ކަމަށެވެ.

ރައީސް ޔާމީން އެކުރައްވާ ކަންކަމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި، ސަރަހައްދީ ގައުމުތަކާ އޮތް ގާތް ގުޅުން ހީނަރުވެ، ސަރަހައްދީ ސަލާމަތީ މަސްރަހަށް ނުރައްކާ ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިގެންދާނެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"މިނިވަންކަމުގެ ސުޕަ ސްޓާރު ކަމުގައި މިއަދު ހެދިގެން ހުންނަވައި ރައީސް ޔާމީން ހިންގަވާ އިންޑިއާ އައުޓް ސްލޯގަން ބޭނުންކުރައްވައި ރައްޔިތުން ނިކަމެތިވެ އަޅުވެތިވާނެ ހުރިހާ ގޮތަކަށް އެ މަސައްކަތް ކުރައްވަނީ" މާރިޔާ ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަޗަނުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލް އަބްދުﷲ ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ދިވެހި އަސްކަރިއްޔާ އާއި ބޭރުގެ ގައުމުތަކާ އޮންނަ ގުޅުމަށް އަސަރުކުރާނެ ކަމަށެވެ.

ޝަމާލް ވިދާޅުވީ ފުލުހުން މަސްތުވާތަކެތީގެ ބޮޑެތި ޝިޕްމެންޓުތައް އަތުލައިގަންނަނީ ބޭރު ގައުމުތަކުން ދޭ އިންޓެލިޖެންސްގެ އެހީގައި ކަމަށާއި ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވެސް ގައުމުތަކުން ފޯރުކޮށްދޭ އިންޓެލިޖެންސް މުހިންމު ކަމަށެވެ.

ޝަމާލު އިތުރަށް ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ އަބަދުވެސް ދިވެހި ސިފައިން ކަމަށާއި އެކަން ބޭރު ބަޔަކާ ހަވާލު ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟