އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑާޝިޕް ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބު މާދަމާ މެންދުރުފަހުން ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުގެ ލީޑާޝިޕަށް ކުރިމަތިލާފައިވަނީ 15 މެމްބަރެކެވެ. އެގޮތުން އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު ކަމަށް ވާދަކުރައްވަނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. މި ދެ މެމްބަރުންނަކީ ވެސް އެމްޑީޕީ ސަޕޯޓަރުންގެ މެދުގައި މަގުބޫލު ދެ މެމްބަރުންނެވެ.
އެޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމު (އަންދު ހުސެއިން) އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
މާދާމާ އެމްޑީޕީގެ ޕީޖީ ލީޑާޝިޕްގެ އިންތިހާބު ބާއްވާއިރު އަންނަ އެޕްރީލް މަހުގެ 16 ވަނަ ދުވަހު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މެމްބަރަކު އައްޔަންކުރުމުގެ އިންތިހާބު ވެސް އޮންނާނެއެވެ. އެ މަގާމަށް ކުރިމަތިލައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި މާފަންނު އުުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. އަދި ހަމަ އެ ދުވަހު އަންހެނުން ރޫހު ކޮމިޓީގެ ރައީސަކު ހޮވުމާއި ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބު ރައީސް ހޮވުމުގެ އިންތިހާބު އޮންނާނެއެވެ.