މިމަހުގެ ބާރަވަނަ ދުވަހު ސެނެހިޔާ ކައިރިން ކަފިހި ހުރަސްމަތިން ހުރަސްކުރަނިކޮށް ދުއްވާފައި ދިޔަ ކާރަކުން ޖެއްސުމުގެ ސަަބަބުން އަނިޔާ ލިބުނު އަންހެން މީހާ އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
''ވަންއޮންލައިން'' އަށް މައުލުމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ހާލަތާ ގުޅޭ ގޮތުން މިވަގުތު އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ސީރިއަސްވީ ފުރަތަމަ އޮޕަރޭޝަން ކުރި ފަހުން ފިޓް ޖެހިގެންނެވެ. އަދި އޭގެ ފަހުން ސިކުނޑި ދުޅަވެ އިތުރު އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.
ދެވަނަ އޮޕަރޭޝަން ކުރި ފަހުންވެސް ހާލު ވަރަށް ބޮޑަށް ސީރިއަސްވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އުމުރުން 46 އަހަރުގެ އަންހެން މީހާގެ 18 މަހުގެ ކުއްޖަކުވެސް ހުރެއެވެ.
މިއެކްސިޑެންޓްގައި އަންހެން މީހާ ވެއްޓި ސްޕީޑް ބްރޭކަރުގައި ބޯޖެހުމުގެ ސަބަބުން ބޮލުގެ ނާށިގަނޑުގައި ރެނދުލައި، ސިކުނޑިއަށް ވަނީ ލޭ އެޅިފައެވެ.
މިހާދިސާ ހިނގާފައިވަނީ ކަފިހި ހުރަސްމަތިން ދަނިކޮށް ދުރުން ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރަކުން ޖެއްސުމުން އަންހެން މީހާ ވެއްޓި ސްޕީޑް ބުރޭކަރުގައި ބޯޖެހިގެންނެވެ. އަދި ކައިރީގައި ހުރި އަންހެން މީހާ ގައިގައި ޖެއްސުމުން އޭނާގެ ފަޔަށް އަނިޔާވެފައިވެއެވެ.
އެމައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ޑްރައިވަރުގެ ލައިސަންސް ދެ އަހަރު ދުވަހަށް ހިފަހައްޓައި، އަދި ޓެކްސީ ކުރުމުގެ ހުއްދަވެސް ބާތިލުކޮށްފައެވެ.