ޚަބަރު

ހަހާސް މީހުންގެ ސޮޔާއެކު ފައްޔާޒު ޗެއާޕާސަންކަމުގެ ފޯމު ހުށަހަޅުއްވައިފި

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލު މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

ފައްޔާޒު، އެމްޑީޕީ އޮފީހަށް ފޯމު ހުށަހެޅުއްވީ އޭނާއަށް ތާއީދު ކުރާ 6000 މީހުންގެ ސޮޔާއެކުގައެވެ.

އެމްޑީޕީގެ ޗެއާޕާސަކަމަށް ބޭފުޅަކު އިންތިހާބުކުރަން އަންނަ އޭޕްރިލް މަހު ބާއްވާ އިންތިހާބުގައި ފައްޔާޒާ ވާދަ ކުރައްވަނީ އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.

"ވަން" މީގެ ކުރިން ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި އޮންނަ އިރު އެންމެ މުހިންމު އެއް ކަމަކީ ޕާޓީގެ މެންބަރުންނާއި ޕާޓީ ސަރުކާރާ ގުޅުވައިދޭނެ ފާލަމެއް އޮތުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެމްޑީޕީގެ މެންބަރުންނަކީ މުޅި ރާއްޖެއަށް ފައިދާ ހުންނަ ކަންކަމަށް އިސްކަން ދޭ ބައެއްކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ އެޕާޓީން ރާއްޖޭގައި ގާއިމުކޮށްފައިވާ ސިޔާސަތުތަކަކީ މެންބަރުންނާ ހަމައިން އުފަންވެގެން އައިސްފައިވާ ކަންކަން ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް މީހަކު އިންތިހާބު ކުރުމާއި އެ ޕާޓީގެ އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މިމަހު 12 ގައެވެ.

އެ އިންތިހާބުތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިމަހު 19 ވަނަ ދުވަހުގެ 4:00 އަށެވެ. ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ފެބްރުއަރީ 22، ގައި އެ ޕާޓީން އިއުލާން ކުރާނެއެވެ.

އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.