ޚަބަރު

ޑައިވިނަށްދިޔަ ފަތުރުވެރިޔަކު ހާލުދެރަވެގެން ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ

އަހުމަދު ޖައިޝަން

އއ. ވެލިދޫ އައިލެންޑް ރިޒޯޓުން މިއަދު ޑައިވިނަށް ދިޔަ ފަތުރުވެރިއެއްގެ ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ހާލު ދެރަވެގެން މަރުވި ފަތުރުވެރިޔަކީ އުމުރުން 69 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.

އެމީހާގެ ހާލު ދެރަވެގެން ފަރުވާ ދިނުމަށް އއ. އަތޮޅު ބޮޑުފޮޅުދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔައިރު އޭނާ މަރުވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު 10:38 ހާއިރު ކަމަށެވެ. އަދި އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނައުމަށް ބޮޑުފޮޅުދޫއިން ފުރީ 12:46 ހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ ހަފްތާއެއް ކުރިން ވަނީ ވެލިދޫ އައިލެންޑް ރިޒޯޓުގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެފައެވެ.

އެ ހާދިސާގައި މަރުވެފައިވަނީ 78 އަހަރުގެ އޮސްޓްރިއާއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެކެވެ.