"ފަސް އަހަރުގެ ފިރިހެން ދަރިއެއް ހުންނަނީ. ވަރަށް ހަލަނިވާނެ. އެހެން ހުރެފަ އެހާ ލާނެތް ކަންތައް ކޮށްލާނީ. އޭނާގެ ބައްޕައަށް ނޫނީ މީހަކަށް ކިޔަމަން ވަނީ ގުރުއާން އާންޓީއަށް އެކަނި. އެ މަންޖެ ގާތުން ނޫނީ ޓިއުޝަންވެސް ނުނެގި. އެނޫން ޓީޗަރަކަށް ނުވި. ސްކޫލުގައި މަޑުން ހުންނަނީ ކޮންމެ ދުވަހަކު އެވަރަށް ބުނެދީފަ ފޮނުވާތީ. ހަމަ އެއްވެސް ތާކު މަޑުން ނުހުންނާނެ. އަނެއްކާ ކޮންމެ ކަމެއް ކުރިއަސް ލަވައެއް ނޫނީ މިއުޒިކެއް ޖަހައިދީގެން ހިމޭންވާނީ،" ފަސް އަހަރުގެ ފިރިހެން ދަރީގެ މަންމައަށް ދަރިފުޅުގެ މި މިޒާޖު ދެނެގަންނާކަށް ފަސޭހައެއް ނޫނެވެ. މިއީ އެއްވެސް މައްސަލައެއް ކަމަކަށް އެ މަންމަ ގަބޫލެއް ނުކުރެއެވެ. މަންމަ ދެކޭ ގޮތުގައި ދަރިފުޅު ހަމަ ބަސްނާހަނީއެވެ. ފިލާވަޅު ބުނެދޭ ގަޑީގައި ސަމާލުކަން ނުދީ އިނުމުގެ ސަބަބުން ކުއްޖާގެ ފެންވަރު ދަށްވާ ކަމަށެވެ.
ކުޑަކުދީންނަކީ ދެނެގަންނަން އެހާ ފަސޭހަ ބައެއް ނޫނެވެ. ކޮންމެކޮންމެ މީހަކަށް ކުޑަކުދިންނަށް އުނގަންނައިދިނުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެކަަމަކު ހަމަ މީގެ އިދިކޮޅުވެސް އެބަ އޮވެއެވެ. އެންމެ ފަސޭހައިން ތިމާ ބޭނުން ގޮތަކަށް ހާނުވައި ބަދަލުކޮށްލެވޭނެ ބަޔަކީވެސް ހަމަ ކުޑަކުދީންނެވެ.
އެކި މީހުންގެ މިޒާޖު ތަފާތުވާ ފަދައިން ކުޑަކުދިންގެވެސް މިޒާޖާއި އުޅުން އުމުރުން ދޮށީ މީހުންނާ ތަފާތުވާނެއެވެ. އެކަމަކު ކޮންމެ މީހަކުވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ހުދު ތިމާއަކީވެސް އެއްދުވަހެއްގައި ކުޑަކުއްޖެއްކަމާއި ތިމާ މިއަދު ހުރި ހިސާބަށް އާދެވިފައި ހުރީ ބަޔަކު ތިމާ ހާނުވާފައިވާތީކަމެވެ.
"މިހާރަކަށް އައިސް ވަރަށް ބަސްނާހާ، ހަމަ އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދޭ." މިއީ ވަރަށް އާންމުކޮށް އިވޭ އަޑެކެވެ.
މިއީ ވަރަށް އާންމު އެހެނަސް އެކަމަކާ މެދު ގިނަފަހަރަށް އަޅައިނުލެވި ދޫކޮށްލެވޭ މައްސަލައެކެވެ. ގިނަ ފަހަރަށް މިއީ ކިހިނެއްވާ ކޮންކަމެއްކަން ނޭނގުމުގެ ސަބަބުން ލިބޭ ދެރައާއި ގެއްލުން ވަރަށް ބޮޑުވާ މައްސަލައެކެވެ.
ކުދިންނަކީ މަލެއްގެ ފިޔަހާ ނާޒުކު ބައެކެވެ. އެއްވެސް ހީލަތެއް، އަނިޔާއެއް ނޭނގޭ މައުސޫމު ނިޔަނެތި ބައެކެވެ. ހިތާއި ނަފުސުގެ ހަމަޖެހުމަކީ، ލޮލުގެ ފިނިކަމަކީ އަދި ހަޔާތުގެ ދިރުމަކީ ކުޑަކުދިންނެވެ. މި މައުސޫމު ކުށެއް ނެތް ސާފުތާހިރު ފުރާނަތަކުގައި ދަމިލަ ޖެހޭނީ ދެވަނަ އެހެން ބައެއްގެ އަތަކުން ނޫނެވެ. "ބުޅި ކެނޑެނީ ކެޔޮޅު" އަތުންނޭ ބުނާ ބަހުގެ މާނައަކީ އެ އެއްޗެއް ހަލާކުވާނީ އެ އެއްޗެއް ގެންގުޅޭ މީހާގެ އަތުންނެވެ. އެހެންކަމަށްވާނަމަ ކުޑަކުއްޖާ މީހަކަށް ވާއިރު، އޭނާގެ އުޅުމާއި މިޒާޖާއި ބަހުރުވަ ބިނާވަނީ އޭނާގެ ވަށައިގެންވާ މާހައުލުން ފެނުނު މަންޒަރުތަކާއި އިވުނު އަޑުތަކާއި ލިބުނު ތަރުބިއްޔަތުގެ މައްޗަށްކަން ޔަގީނެވެ.
ކުއްޖާއަށް ބަދަލެއް އައުމުން އެންމެ ފުރަތަމަ، އެންމެ އަވަހަށް އެކަން ފާހަގަކުރެވޭނީ އޭނާގެ ބެލެނިވެރިޔާއަށް ނުވަތަ މުދައްރިސަށެވެ. ނުވަތަ އެދުރަށެވެ. އެހެނީ ކުއްޖާ އިރުއަރައިގެން ގޮސް އަނެއްކޮޅުން އިރުއޮއްސި އަނެއް ދުވަަހަށް އިރު އަަރަންދެން ވަގުތު މި ހޭދަކުރަނީ ގެއާއި ސުކޫލު ނުވަތަ ކޮންމެވެސް އެެދުރެއްގެ ގާތުގައި ކަމަށްވާތީއެވެ. ގޭގައި ކުއްޖާ ހޭދަކުރާ ވަގުތަށްފަހު ދެން އެ ކުއްޖާ ދަނީ އުނގެނޭ ދިމާއަށެެވެ. ބެލެނިވެރިންގެ ނަޒަރުން ކައްސާލާ ކަމެއް މުދައްރިސު ނުވަތަ އެދުރު މީހާގެ ނަޒަރުގެ ދުރުމިއަށް އަރާނެކަމާ މެދެ އެއްވެސް ޝައްކެއް ނެތެވެ.
ސަމާލުކަންދިނުމުގައި ދަތިތަކެއް ހުރުން، ނުވަތަ ސަމާލުކަން ދޭން އުނދަގޫވުން، މިއީ އެއްވެސް ކުއްޖަކު ގަސްދުގައި އެނގިހުރެގެން ކުރާ ކަމެއް ނޫނެވެ. ހަމައެހެންމެ މިކަމަކީ އެހާ ފަސޭހައިން ފާހަގަކުރެވޭ ކަހަލަ ކަމެއްވެސް ނޫނެވެ. އަދި ހަމައެހެންމެ މިއީ ފެށުނީއްސުރެ ކުއްޖާގެ ގައިގައި ހުންނަ ކަމެއްވެސް ނޫނެވެ.
ދެނެގަތުމުގައި ނުވަތަ ފަހުމުވެގަތުމުގައި ދަތިތަކެއް ހުރުން، ސަމާލުކަން ދޭން އުނދަގޫވުން މިއީ ކިހިނެއް ދިމާވާ ކޮންކަމެއްކަން އެނގުން ކޮންމެހެންވެސް މުހިންމެވެ. ކުއްޖެއްގެ ފަރާތުން ފެންނަ އަލާމާތްތައް ދެނެގަތުމަކީ ހަމަކޮންމެ ބެލެނިވެރިއެއްގެ ޒިންމާއެކެވެ. އަދި ތިމާގެ ދަރިވަރަށް އަންނަ ކޮންމެ ބަދަލެއްވެސް މުދައްރިސަށް އެނގެންޖެހޭނެއެވެ. ކުދިންގެ ތެރެއިން ސަމާލުކަން ދިނުމުގައި ދަތިތަކެއް ހުންނަ ކުދިން، ދިމަވާ ހާދިސާއެއް ނުވަތަ ކަމެއްގެ ސަބަބުން މި ދަތިކަން ތަހައްމަލު ކުރަން ފަށައެވެ. އެހެންނަމަވެސް އެ ކުއްޖަކަށް މި ދަތިކަން ހުންނަ ވާހަކަ ބުނެދޭކަށް ނޭނގެއެވެ.
ފަހުމުވުން ދަތިވުން، ނުވަތަ ސަމާލުކަން ދޭން އުނދަގޫވުމުގެ މައްސަލައަކީ އުމުރުން ދޮށީ މީހުންނަށް ދިމާވާ ކަމެއް ނޫނެވެ. މިއީ ކުޑަކުދިން ތަހައްމަލުކުރާ ވަރަށް ބޮޑަށް ދިވެހިންގެ ތެރޭގައި މިހާރު އާންމުވަމުން އަންނަ މައްސަލައެކެވެ. ސުކޫލުގައި ދެވޭ ފިލާވަޅުތަަކަށް ސަމާލުކަން ދޭން ދަތިވުމާއި ފޮތެއް ކިޔަން ނުވަތަ މައުލޫމާތެއް ދެނެގަންނަން ބޭނުންވާ ހިނދު އެކަމުގައި ހޭދަކުރަން ޖެހޭ ވަގުތުތައް ދިގުލައިގެންދެއެވެ. ކިތަންމެ ގިނައިން ބުނެދިނަސް ސިކުނޑިއަށް އެ ބުނެދޭ އެއްޗެއް ފަހުމުވުމުގައި ހުރަސްތަކެއް މެދުވެރިވެއެވެ. މިހެން ދިމާވުމުގެ ސަބަބުން ފޫހިވާ ގޮތް ވާން ފަށައެވެ.
ސަމާލުކަން ދޭން އުނދަގޫވުން ނުވަތަ ފަހުމުވެގަތުން ދަތިވާން ފެށުމުން އެހާ ފަސޭހައިން މައްސަލައެއް ޖެހިއްޖެކަން އިހުސާސެއް ނުކުރެވެއެވެ. އެހެނީ މީގެ މައިގަނޑު އެއްކަމަކީ ފަހުމުވުން ދަތިވުން ކަމަށްވީތީ ސަމާލުކަމަށް ދޭން ދަތިވުންވެސް އޮންނަނީ ނޭނގުމެެއްގެ ތެރޭގައި ވިސްނައިނުގަނެވިފައެވެ. މި މައްސަލަ ދިމާވުމުން ކުއްޖާގެ ފަރާތުން ފާހަގަވާ އަލާމާތްތަކުގެ ތެރޭގައި؛
މިގޮތަށް ކަންތައް ދިމާވާން ޖެހެނީ ކީއްވެގެންތޯވެސް ދެނެގަތުން މުހިންމެވެ. އާންމުގޮތެއްގައި މިއީ އުފެދުމުގައި، އުފަންވުމުގައި އެއްވެސް މައްސަލައެއް ނެތް ވަރަށް ހުޝިޔާރު، ތޫނުފިލި، ބުއްދިވެރި ކުއްޖަކު ހަތް ވަރަކަށް އަހަރުގައި މިހާ ބޮޑަށް ބަދަލުވުމުގެ އަސްލު ސަބަބު ދެނެގަތުން ކޮންމެހެންވެސް މުހިންމެވެ.
ގިނަފަހަރު ވިޓަމިން މަދުވުމާއި ނިދުމުގައި އުނދަގޫތަކެއް ދިމާވެ، ނުނިދޭ ގޮތްވުމަކީ މިފަދައިން ސަމާލުކަންދޭން އުނދަގޫވާ ސަބަބެކެވެ. އަދި އާއިލާ ތެރޭގައި ދިމާވާ ހަމަނުޖެހުމެއްގެ ސަބަބުންވެސް މި މައްސަލަ ދިމާވެއެވެ. ނުވަތަ އާއިލާގެ މީހަކު، ތިމާގެ ގާތް މީހަކު ނުވަތަ ގާތް އެކުވެރިޔަކު ނިޔާވުންވެސް ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
މިއީ ފެންނަ ފެނުމަށް ވަރަށް ކުޑަކުޑަ އާދައިގެ މައްސަލައެކޭ ހީވެދާނެއެވެ. އެހެންނަމަވެސް މިއީ ހީވެސް ނުކުރާ ކަހަލަ ހިތާމަވެރި ބޮޑެތި ހިތްދަތި ހާދިސާތަކުގެ ފެށުން ކަމަށްވެސް ވެދާނެއެވެ.
ސަމާލުކަން ދޭން އުނދަގޫވުން ނުވަތަ ފަހުމުވެގަތުމުގައި ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވިދާނޭ ކަންތައްތަކަށް ބަލައިލަމާތޯއެވެ.
ދަރިފުޅުގެ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނަ ކަމަށްވާނަމަ ތިރީގައި މިވާ ކަންތަކުން ކަމެއް ނުވަތަ ހުރިހާ ކަމެއްވެސް ފާހަގަ ވާނެއެވެ.
މިފަދަ ގޮތްގޮތަށް ކުއްޖާއަށް އަންނަ ބަދަލުތަކުން ތިމާގެ މަސައްކަތް ކާމިޔާބު ވެއްޖެކަމުގެ ޔަގީންކަން ލިބުނަސް ދެންވެސް ކުއްޖާ ވަކި ގޮތަކަށް ބައްޓަން ކުރުމަށް އަބަދުވެސް ސަމާލުކަން ދޭށެވެ.
ފުށްގަނޑެއްގައި ބޭނުން ސިފައެއް ޖައްސާލައި ބައްޓަންކޮށްލެވޭ ގޮތަށް ތުއްތުކުއްޖާއަކީ ބޭނުން ގޮތަކަށް، ތިމާ ބިނާކުރި ގޮތަކަށް ބައްޓަންކޮށް ބިނާކުރެވޭނެ އިންސާނެކެވެ. ވީއިރު ރީތި ނަލަ މޮޅު ގޮތަކަށް ކުދިން ތަރުތީބުން ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމަކަށް ނުވޭތޯއެވެ. އެކަމުން ލިބޭ ހިތްހަމަޖެހުމާއި އަރާމާއި ފޮނިކަން އިހުސާސު ކުރެވޭނީ ކުއްޖާއަށް ލިބޭ ކުރިއެރުންތަކާއި ކާމިޔާބުތައް ފެންނަން ފެށުމުންނެވެ. އެހެންކަމުން ދަރިފުޅު ހަލަނިވެ ހުއްޓާނުލައި ސަކަރާތް ޖަހައި އަޑުގަދަކުރަނީ "ނުލަފާ، ބަސްނާހާ" ކުއްޖަކަށް ވާތީ ކަމަށް އަންދާޒާ ނުކުރައްވަމާތޯއެވެ!.