ޚަބަރު

ޝަރުތު ހަމަވާ ހުރިހާ ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ފްލެޓް ދޭން ނިންމައިފި

"ހިޔާ މަޝްރޫއު"ގެ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަރަގަރީއަށާއި ޓީޗަރުންގެ ކެޓަގަރީއަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ވެސް ފްލެޓް ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފްލެޓަށް ފޯމު ހުށަހެޅި މީހުންގެ މައުލޫމާތު މިއަދުން ފެށިގެން ގެޒެޓުގައި އާންމުކުރެވެމުންދާނެ ކަމަށާއި ފްލެޓް ދިނުމުގައި އެންމެ އިސްކަމެއް ދީގެން ބަލާފައިވާނީ ދިރިއުޅުމުގެ ހާލަތަށް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ފްލެޓަށް ހުށަހެޅި މީހުންގެ މައުލޫމާތު އާންމު ކުރަމުންމިދަނީ. އަޅުގަނޑުމެން ހުރިހާ ކަމެއްގައި ބަލާފައިވާނީ އެ ބައެއްގެ ދިރިއުޅުމުގެ ހާލަތަށް. މިފަހަރު އެއްވެސް ބޭފުޅަކަށް ނުދެންނެވޭނެ ފްލެޓް ދީފައިވަނީ ނުހައްގުންނޭ،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް ކަނޑައެޅި ނަމަވެސް އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވަނީ 299 މީހުން ކަމަށާއި އެހެންކަމުން އެ ކެޓަގަރީއަށް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ވެސް ފްލެޓް ލިބިގެންދާނެ ކަމަށެވެ.

"ޓީޗަރުންނަށް ހާއްސަ ކެޓަގަރީއަށް ފޯމު ލާފައިވަނީ 735 ބޭފުޅުން. އަޅުގަނޑުމެން ކަނޑައަޅާފައި އޮތީ 625 ފްލެޓް. އަޅުގަނޑުމެން މި ނިންމީ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީން އިތުރުވި ފްލެޓްތަކުން ފްލެޓް، ޓީޗަރުންނަށް ހާއްސަ ކެޓަގަރީއަށް އިތުރުކޮށް، 735 ފްލެޓް ޓީޗަރުންނަށް ހާއްސަ ކެޓަގަރީއަށް ހަމަކޮށް، ހުރިހާ ޓިޗަރުންނަށް ފްލެޓް ލިބޭގޮތަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސިވިލް ސާވަންޓުންނަށް ދޭ ފްލެޓްތަކުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އެ މިނިސްޓްރީއެއްގެ ނޯޓިސް ބޯޑުން ފެންނާނެ ކަމަށެވެ. ސިވިލް ސާވަންޓުންނަށް 1000 ފްލެޓް ދިނުމަށް ނިންމާފައިވެއެވެ.

ކޮންމެ މީހަކަށް ވެސް ޕޮއިންޓް ލިބުނު ގޮތް އިއުލާން ކުރެވިގެންދާނެ ކަމަށާއި ޝަކުވާ ހުށަހެޅުމުގެ މުއްދަތަށް ފަހު ދާއިމީ ލިސްޓު އިއުލާން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.