އިބްރާހިމް ޒަކީ
ޖާބިރު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރަން ކޯޓުން އަމުރު ކޮށްފައި ވަނީ، ޑީއާރުޕީގެ ކުރީގެ ޒައީމް ރައީސް މައުމޫނު އެމްޓީސީސިއާއެކު ކޮށްފައިވާ ނަހަލާލު ކައިވެންޏެއްގެ، ނަހަލާލު ފައިސާ ބޮލުގައި އަޅަންޖެހިގެން ކަމަށް ޑީއާރުޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މެންބަރުން ހިމެނޭ ގޮތަށް ބަދަލު ގެނެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ބަންޑާރަ ނާއިބު ނުހިމެނޭ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރަން ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރު މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، އެއީ މިގައުމުގެ ޖުޑިޝަރީ މިނިވަންކަމާއެކު ނެތުމުގެ ސަބަބުން ދިމާވާ މައްސަލަ ކަމަށެވެ.
އެމްޓީސީސީގެ ފަރާތުން ޑީއާރުޕީން ހޯދި ހިދުމަތްތަކަށް އެކުންފުންޏަށް ލިބެން ޖެހޭ 1.1 މިލިއަން ރުފިޔާގެ މައްސަލައެއްގައި ޖާބިރު ހައްޔަރު ކޮށްގެން މިއަދު ކޯޓަށް ހާޒިރު ކުރަން ސިވިލް ކޯޓުން އިއްޔެ ވަނީ އަމުރު ނެރެފައެވެ.
ޑީއާރުޕީން އެ ހިދުމަތްތައް ހޯދާފައި ވަނީ ރައީސް މައުމޫނު އެ ޕާޓީގެ ލީޑަރޝިޕްގައި ހުންނެވި ދުވަސްވަރުގައެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު ވަން އަށް އިއްޔެ ވިދާޅުވީ، އެކޯޓުން ފުލުހުންގެ މައްޗަށް އަމުރު ނެރެފައި ވަނީ، މިއަދު 11:45 އަށް ޖާބިރު ކޯޓަށް ހާޒިރު ކުރަން ކަމަށެވެ. އެއީ ޑީއާރުޕީން އެމްޓީސީސީއަށް ދައްކަން އޮތް އެއްމިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެމްޓީސީސީން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.