ފަނޑިޔާރުގެއަކީ ބިނާކުރުވަނިވި ފާޑުކިއުމަށް ތަރުހީބުދޭ ތަނަކަށް ވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި "ގަޟާއީ އަހަރު 2019" އިފްތިތާހުކުރެއްވުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ރައީސް ވަނީ ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީކުރުވުމުގެ އެއް އުސޫލަކީ ބިނާ ކުރަނިވި ފާޑުކިޔުމަށް ތަރުހީބު ދިނުން ކަމަށާއި، ރައްޔިތުންގެ މަޖިލީހަކީ މިހާރުވެސް އެންމެ ގިނައިން ފާޑުކިޔުން އަމާޒުވާ އެއް ތަންކަމަށާއި ފަނޑިޔާރުގެއަކީ ވެސް ބިނާކުރަނިވި ފާޑުކިޔުމަށް ތަރުހީބު ދޭ ތަނަކަށް ވާނަމަ ފަނޑިޔާރުގޭގެ މިސްރާބު ސީދާ ކުރަން ވަރަށް ފަސޭހަ ވާނެ ކަމަށެވެ.
ފަނޑިޔާރުގެ ވާންޖެހޭނީ ރައްޔިތުންނާއި އެންމެ ރަށްޓެހި އަދި އެންމެ ގާތުން ހިދުމަތްދޭ ތަނަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ހަމައެއާއެކު ފަނޑިޔާރުގެތަކުގައި ކޮންމެ މީހަކަށްވެސް ފަސޭހައިން މައްސަލަ ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަން ޖެހޭ ކަމަށާއި އެއީ ރައްޔިތުމީހާ ފަނޑިޔާރުގެއަށް ދާނީ އޭނާގެ ހައްގެއް ހޯދަން ކަމަށް ވާތީކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ފަނޑިޔާރުންނަކީ އެބޭފުޅުންގެ ކޮނޑުގައި ވަރަށް މަތިވެރި ޒިންމާތަކަކާއި ވާޖިބުތަކެއް އެޅިފައިވާ ބައެއްކަމަށް ވެސް ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.