އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް، އެ ޕާޓީގެ އިސް ތަރުޖަމާނު ކަމުގެ މަގާމުގައި މިހާރު ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވާދަ ކުރެއްވުމަށް ނިންމަވައިފިއެވެ.
އެކަން ހާމަ ކުރައްވައި އިންތި ވަނީ މިއަދު ޓުވީޓެއް ކުރައްވައިފައެވެ.
އިންތި ކުރެއްވި ޓުވީޓުގައި ވިދާޅުވީ، "އެމްޑީޕީ ގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް އަޅުގަނޑު ނިންމައިފިން،" ކަމަށެވެ.
އިންތި އެގޮތަށް ނިންމެވުމާ ގުޅިގެން އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި އާއްމު މެންބަރުން އަންނަނީ އިންތިއަށް ތާއީދު ކުރާކަން ހާމަ ކުރައްވަމުންނެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އީވާ އަބުދުﷲ އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު އާއި މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާނާއި، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހިމެނި ވަޑައިގަންނަވަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ކަމުގެ މަގާމަށް މީހަކު އިންތިހާބު ކުރުމުގެ ވޯޓުލުން އޭޕްރީލް 16 ގައި ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމައިފައެވެ.
މިހާނަތަށް އައިއިރު، އިންތީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް ޗެއާޕާސަން ކަމަށް ވާދަ ކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.
ޗެއާޕާސަން ކަމުގެ މަގާމު ހިމެނޭގޮތަށް އެމްޑީޕީގެ އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތުވެސް އެމްޑީޕީން މިހާރު ވަނީ ހުޅުވާލައިފައެވެ.
އެމްޑީޕީގެ އޮފީހުން ބުނީ އެ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ އީމެއިލް [email protected] އަށް ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެމަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 19 ވާ ހޮނިހިރު ދުވަހުގެ 4:00 ކުރިން ފޯމް ހުށަހަޅަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ. އެމަގާމުތަކަށް ކުރިމަތިލުމަށް އެދޭފޯމް އެމްޑީޕީގެ ވެބްސައިޓް http://www.mdp.org.mv އިން ލިބެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އޭނާގެ ޗެއާޕާސަންކަމުގެ ދައުރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަމަވެފައެވެ.