ރައީސް ޔާމީން

ރައީސް ޔާމީން ހައްޔަރު ކުރުމަށް ނެރުނު އަމުރު ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހަޅައިފި

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ކުރެވޭ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރު ބާތިލް ކޮށްދިނުމަށް ހައިކޯޓަށް ހުށަހަޅައިފިއެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީންގެ ގާނޫނީ ޓީމުން ހުށަހަޅާފައި ވަނީ، އެމަނިކުފާނު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ގާނޫނާ ޚިލާފު އަމުރެއް ކަމަށް ވާތީ އެ އަމުރު ބާތިލުކޮށްދިނުމަށް އެދި އެވެ.

ރައީސް ޔާމީން ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތީ ޕީޖީ އެވެ. ރައީސް ޔާމީންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ އޮތް ޝަރީއަތުގެ އަޑުއެހުމުގައި، ދައުލަތުގެ ވަކީލާ ވަނީ، ހެކީންނަށް ރިޝްވަތުދެއްވަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ރައީސް ޔާމީންގެ މައްޗަށް ކުރައްވައިފަ އެވެ.

އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ހައްޔަރުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން، ކަރެކްޝަނުން ވަނީ އެމަނިކުފާނު ކޯޓުން ސީދާ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.