ޚަބަރު

ފަނޑިޔާރުގެ އިސްލާހު ކުރުމަށް ސިޔާސީ މަގުސަދުތަކާއި ނުފޫޒުތައް އެއްފަރާތްކުރަން ޖެހޭ : އުއްތަމަ ފަނޑިޔާރު

އިބްރާހިމް ޒަކީ

ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ސިޔާސީ ނުބައި މަގުސަދު ތަކާއި އެނޫންވެސް އެފަދަ ނާޖާއިޒް އެޖެންޑާތަކުން އެއްފަރާތްވެ ތެދުވެރި އިހުލާސްތެރި ގޮތެއްގައި އިސްލާހަށް މަސައްކަތް ކުރަންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

"ކޮންފަރެންސް އޮން ޖުޑީޝަލް އިންޑެޕެންޑެންސް އެންޑް ރިފޯމް" އިފްތިތާހު ކޮށްދެއްވަުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅުދައްކަަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޝަރުއީ ނިޒާމް އިސްލާހް ކުރުމުގެ މަސައްކަތުގައި، ފަނޑިޔާރުގޭގެ ނަޒާހަތްތެރިކަން އިތުރުވެ، ކޮރަޕްޝަނާއި ފަސާދައިގެ ވަބާތަކުން ފަނޑިޔާރުގެ ތާހިރުވެ ފަނޑިޔާރުގެއަށް އިހުތުިރާމާއި އިތުބާރު ލިބޭނީ ކިތަންމެ ރަނގަޅު ވިސްނުނަތަކެއް ހުއްޓަސް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރެވިގެން ކަމަށެވެ.

"ފުރިހަމަ ޖުޑިޝަލް ރިފޯމް ޕްލޭނެއް އެކުލަވައިލެވި ތަންފީޒުކުރެވޭނީ އެކަމަށް އަޅުގަނޑުމެންގެ ތެރޭގައި އެޅޭ ހުރަސްތައް ނައްތާލައިގެން. ކިތަންމެ ރަނގަޅު ވިސްނުންތަކެއް ހުއްޓަސް އެ ވިސްނުންތަކުގެ ފައިދާއެއް ފެންނާނީ އެވިސްނުންތަކަށް ހެޔޮ ގޮތުގައި އަމަލީ ސިފަ ގެނެވިގެން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ރާއްޖޭގެ ދުސްތޫރީ ނިޒާމަށް އިޝާރާތްކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ތިންބާރުގެ ތެރެއިން އެއްބާރުގެ ގޮތުގައި ޝަރުއީ ދާއިރާ އޮންނަ މިނިޒާމުގައި ގާނޫނު އަސާސީގެ ދަށުން ފަނޑިޔާރުގެ އިސްލާހް ކުރުމަށްްްޓަކައި ސިޔާސަތުތައް ކަނޑައެޅުމާއި އެ ސިޔާސަތުތައް ތަންފީޒު ކުރުމަކީ، ފަނޑިޔާރުގޭގެ ޒިންމާއެއް ކަމަށެވެ.

ގާނޫނުއަސާސީގައިވާ ގޮތުން އެބާރުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް ވާއިރު ފަނޑިޔާރުގެ އިސްލާހު ކުރުމާއި ތަރައްގީ ކުރުމާއި، ހަރުދަނާ ކުރުމުގެ ހުރިހާކަމެއް ރާވައި ހިންގުމުގެ އިސް ފަރާތަކީ ސުޕްރީމް ކޯޓުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއްވެސް ސިފައެއްގައި އެއްވެސް ސަބަބެއް ދައްކައިގެން ފަނޑިޔާރުގެއަށް އަނެއް ދެ ބާރުން ނުފޫޒު ފޯރުވައި ބާރުހިންގައި ފަނޑިޔާރުގޭގެ ކަންކަމާ ބެހި، ހަދާކަށް ގާނޫނުއަސާސީ ތަނެއްނުދޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.