މާލެއާއި ފަސް މިނެޓު ދުރުގައި އޮންނަ ވިލެއްގައި ތަރައްގީކުރަން ނިންމާފައިވާ މޯލްޑިވްސް ފްލޯޓިން ސިޓީގެ މަޝްރޫއުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ޑަޗް ޑޮކްލޭންޑު ކުންފުނިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ބައިސަން މޯލްޑިވްސް ކިޔާ އަމިއްލަ ކުންފުންޏަކާއެވެ. ބައިސަން ކުންފުންޏާ ހަވާލުކޮށްފައިވަނީ 5000 ފްލޯޓިން ހައުސިން ޔުނިޓް އެޅުމަށެވެ.
ސަރުކާރާއި ޑަޗް ޑޮކްލޭންޑާ ގުޅިގެން ހިންގާ މި މަޝްރޫއުގެ ފުރަތަމަ ގެ ރޯދައިގެ ފަހަށް ނިންމާނެ ކަމަށް ބައިސަން މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
ފްލޯޓިން ސިޓީ އެޅުމަށް ނިންމާފައިވަނީ މާލެ އަތޮޅު އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއްގައެވެ. އެ ފަޅު މިހާރު ވަނީ ޑަޗް ޑޮކްލޭންޑަށް ދީފައެވެ.
ބައިސަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މާޖިދު ވިދާޅުވީ މިފަދަ މަޝްރޫއެއް ހިންގުމަށް އެކުންފުންޏާ ހަވާލުކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ހަވާލުކޮށްފައިވާ ދުވަހަަށް މަސައްކަތް ނިންމުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެން މަތީގައި ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ހަދާ މި ފްލޯޓިން ސިޓީ ހަދަން ސަރުކާރުން ނިންމާފައިވަނީ 2021 ވަނަ އަހަރުއެވެ. އަދި މި ސިޓީ ހަދަނީ 5،000 ގޯތި ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމަނައިގެންނެވެ.
އެގޮތުން ޔޮޓު މެރީނާއަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައިވެއެެވެ.