ގާތްތިމާގެ މީހުންނާ ގުޅުން ކެނޑުމަކީ ގިޔާމަތް ދުވަހުން ސުވަރުގެ ވަނުމުން މަހުރޫމް ވެގެންދާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ﷲ ތައާލާއަށް އަދާކުރަންޖެހޭ ހައްގުތައް އަދާކުރުމަށްފަހު، ދެން އެންމެ އިސްކަންދޭން ޖެހޭ ހައްގަކީ މައިންބަފައިންނަށް ކަމޭހިތުމާއި އޯގާވެރިވުން ކަމަށެވެ.
އަދި މާތް ﷲ، އެ ކަލާނގެއަށް އަޅުކަން ކުރުމަށް އެންގެވި އަމުރުފުޅާ ވިދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި އަމުރު ކުރައްވާފައިވާ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ކަމޭ ހިތުމަކީ އެކަމުގެ ސަބަބުން ހެޔޮކަމާއި ލާބައިގެ ގިނަގުނަ ދޮރުތައް ހުޅުވޭ ކަމެއް ކަމަށެވެ. ނަމަވެސް މައިންބަފައިންނަށް އިހާނާތްތެރިކޮށް ހިތާ މީހުންނަށް އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރަށް ދުނިޔެ މަތީގައިވެސް އެކަމުގެ އުގޫބާތް ލިބޭނޭކަން ކީރިތި ރަސޫލާ އަންގަވައި ހަދީޡް ކުރައްވާފައިވާ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، މައިންބަފައިންނަށް ކަމޭހިތުމުގެ ތެރޭގައި އެބައިމީހުން ދުނިޔެ ދޫކޮށް ދިއުމުން، އެބައިމީހުންނަށްޓަކައި ހެޔޮ ދުއާ ކުރުމާއި އެބައިމީހުންގެ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާއެކު ގުޅުން ދެމެހެއްޓުންވާ ކަމަށެވެ. އަދި ގާތްތިމާގެ މީހުންނާއެކު ގުޅުން ދެމެހެއްޓުމަކީ ﷲގެ ރަހުމަތް ލިބޭނެ ކަމެއް ކަމަށް ބުންޏެވެ.
އެގޮތުން ގާތްތިމާގެ މީހުންނާ ގުޅުން ކެނޑުމަކީ ގިޔާމަތްދުވަހުން ސުވަރުގެ ވަނުމުން މަހުރޫމްވެގެންދާނެ ކަމެއް ކަމަށް ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށްވެސް ބުންޏެވެ.