ޝަރީއަތްތައް ހުޅުވާލައިގެން ގެންދިއުމަކީ ފަނޑިޔާރުގޭގެ އިހުތިޔާރަށް ދޫކޮށްލާފައިވާ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ "ގަޟާއީ އަހަރު 2019" އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ޝަރީއަތްތައް ކުރިއަށް ގެންދާން ޖެހޭނީ އާންމުކޮށް ހުޅުވާލައިގެން ހާމަކަމާއެކުގައި ބާއްވާ އަޑުއެހުންތަކެއްގައި ކަން ގާނޫނު އަސާސީގައި ސާފުކޮށް ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ޝަރީއަތްތައް ހުޅުވައިލުމަކީ ފަނޑިޔާރުގޭގެ އިހްތިޔާރަށް ދޫކޮށްލާފައި އޮތް ކަމެއް ނޫންކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ޝަރީއަތްތައް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަކީ އިންސާފު ހޯދަންދާ މީހާގެ އިތުރުން މުޖްތަމައުގެވެސް ހައްގެއް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ފެށިގެން މިދިޔަ ގަޟާއީ އަހަރުގައި ކޮންމެ ފަނޑިޔާރެއްގެވެސް އެންމެ އިސް އަމާޒަކަށް ވާން ޖެހެނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.