އަލީ ޔާމިން
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް އަންނަ އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ފާސްކޮށްފިއެވެ.
މިރޭ ބޭއްވިި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ޕާޓީގެ އެތެރޭގެ އިންތިހާބުތައް ބާއްވާނެ ތާރީހުތައް ގަރާރެއްގެ ގޮތުގައި ހުށަހެޅުއްވީ ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސް، އަދި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ. އޭނާ ވަނީ އެމްޑީޕީގެ ހަތަރު އިންތިހާބެއް ބާއްވާނެ ތާރީހުތައް ހުށަހަޅުއްވައިފައެވެ. އެ ގަރާރަށް ތާއީދުކުރެއްވީ ގަމު ދާއިރާގެ ރައީސް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.
ޝިފާގެ ގަރާރުގައިވާ އެންމެ މުހިންމު ކަމަކީ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކޮންގްރެސް ބާއްވާ ތާރީހު ކަނޑައެޅުމެވެ. ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހެޅުއްވީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
މިރޭގެ ގައުމީ މަޖިލީހަށް 126 މެންބަރުން ހާޒިރުވި އިރު، ޝިފާގެ ގަރާރު ފާސްވެގެން ގޮސްފައިވަނީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އެމްޑީޕީގެ ޕާލިމެންޓަރީ މަގާމުތައް ފިޔަވައި އެހެން މަގާމުތަކުގެ މުއްދަތަކީ ފަސް އަހަރު ކަމުގައި ކަނޑައަޅަން ފާސްކޮށްފައެވެ.