ޚަބަރު

ކުށްކުރާ ކުދިންގެ ފަރާތުން އިސްތިއުނާފުކުރާ މައްސަލަތަކުގައި ފީ ނުނަގާ ގޮތަށް ހަމަޖައްސައިފި

މުހައްމަދު އިޝާން

ކުށްކުރާ ކުޑަކުދިންގެ ފަރާތުން އިސްތިއުނާފުކުރާ މައްސަލަތަކަށް ފީއަކާ ނުލައި ބަލައިގަންނަން ޖެހޭގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފިއެވެ.

ސުޕްރީމް ކޯޓުން އިއްޔެ އާންމުކުރި ގަވާއިދުގައިވާ ގޮތުން ކުށްކުރާ ކުޑަކުއްޖެއްގެ މައްސަލަ އިސްތިއުނާފުކުރީ އެ ކުއްޖާގެ ފަރާތުން ކަމަށްވާނަމަ، އިސްތިއުނާފު މައްސަލަ އެއްވެސް ފީއަކާ ނުލައި ހައި ކޯޓާއި ސުޕްރީމް ކޯޓުން ބަލައިގަންނަން ޖެހޭނެއެވެ. އެކަމަކު ދައުލަތުން އިސްތިއުނާފުކުރާ އެފަދަ މައްސަލަތަކުގައި ފީ ނުނެގޭނެ ކަމަކަށް އެ ގަވާއިދުގައި ނެތެވެ.

އިސްތިއުނާފީ ދެ ކޯޓު ކަމަށްވާ ހައި ކޯޓުންނާއި ސުޕްރީމް ކޯޓުން މައްސަލަތައް ބަލައިގަންނަނީ ފީއެއް ދެއްކުމުންނެވެ. ހައި ކޯޓުގައި މައްސަލަތައް އިސްތިއުނާފު ކުރާނަމަ، 300 ރުފިޔާގެ ފީއެއް ދައްކަން ޖެހޭއިރު ސުޕްރީމް ކޯޓަށް ދައްކަން ޖެހެނީ 500 ރުފިޔާއެވެ. ދައުލަތުގެ ފަރާތުން މައްސަލަތައް އިސްތިއުނާފު ކުރިޔަސް، އެފީތައް ދައްކަން ޖެހެއެވެ.

ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް އިސްތިއުނާފު މަރުހަލާގައި ބެލުމާބެހޭ ގޮތުން އާއްމުކުރި އެ ގަވާއިދުގައި އިތުރަށް ވަނީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ފީއަކާ ނުލައި ކުއްޖާއަށް ދޫކުރަން ޖެހޭނެ ކަމަށެވެ. ފީއަކާ ނުލައި ދޫކުރެވެނީ އެންމެ ކޮޕީއެއް ކަމަށް ގަވައީދުގައިވެއެވެ.

ކުޑަކުދިންގެ ފަރާތުން ހުށަހަޅާ މައްސަލަތައް އިސްތިއުނާފީ މައްސަލަތައް ހަ މަސް ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާން ކޮށްފައިވާއިރު އިސްތިއުނާފީ މައްސަލައެއް ނުނިމިއްޖެ ނަމަ، ލަސްވި ސަބަބެއް ކުއްޖާގެ ބެލެނިވެރިޔާ އާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އެންގުމަށްފަހު އިތުރު ހަ މަސް ތެރޭގައި އެ މައްސަލަ ނިންމަން އެ ގަވާއިދު ލާޒިމުކުރެއެވެ.

ކޯޓު އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ އިސްތިއުނާފް ހަތް ދުވަސް ތެރޭގައި ނިންމަން ޖެހޭނެކަމަށް ގަވާއިދުން ވަނީ ކަނޑައަޅައިފައެވެ.

ކުށްކުރާ ކުޑަކުދިންގެ މައްސަލަތަކުގެ އިސްތިއުނާފު ޝަރީއަތްތައް ތާވަލު ކުރަން ޖެހޭނީ ސްކޫލަށް ދާ ކުއްޖެއްނަމަ، ސްކޫލަށް ދާ ވަގުތުތަކަށް ދަތިނުވާނެ ގޮތަކަށް ކަމަށް އެ ގަވާއިދުގައިވެއެވެ. އަދި އެފަދަ މައްސަލަަތަކުގެ އިސްތިއުނާފު ޝަރީއަތް ތާވަލު ކުރުމާއި އިސްތިއުނާފު ޝަރީއަތް ކުރިއަށް ގެންދިއުމާއި ހުކުމް ކުރުމަށް ފަހު ވެސް އެފަދަ ކުދިންގެ މައުލޫމާތު އާންމު ނުވާނެ ގޮތަށް ކަންކަން ހަމަޖައްސަން ވެސް ގަވާއިދުން ވަނީ ކަނޑައަޅައިފައެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.