އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅުންހުރި ފައިސާ އިން މަނީ ލޯންޑަރިން ހިންގި ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހުއްޓުވުމުގައި އެމްއެމްއޭ އިން އިހުމާލުވެފައިވާ މައްސަލައިގައި އިތުރަށް ތަހުގީގުކޮށް އިހުމާލުވެފައިވާ ފަރާތްތަކުގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
އޭސީސީން ބުނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ އެސްއޯއެފް ކުންފުންޏާ ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭޝަލް އިންޓަލިޖެންސް ޔުނިޓް (އެފްއައިޔޫ)އަށް ލިބިފައިވާ ސަސްޕިޝަސް ޓްރާންސް ސެކްޝަން ރިޕޯޓް (އެސްޓީއާރު) ގައި މަނީ ލޯޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމަށް ޝައްކު ކުރެވޭ ކަންތަކެއްހުރިކަން އެސްޓީއާރު އެނަލިސިސް ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.
"ރިޕޯޓުން އެނގެން އޮންނައިރު އެ ރިޕޯޓްގެ ނިންމުމުގައި އެމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާއަކަށް ފޮނުވާފައި ނުވަނީ ވަކި ފަރާތެއްގެ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށް މި ކޮމިޝަނުގެ ތަހުގީގަށް ލިބިފައިވާ ހެކިތަކުން ފާހަގަ ކުރެވޭތީ އެމައްސަލަ ވަކި މައްސަލައެއްގެ ގޮތުގައިި ތަހުގީގުކޮށް ނިންމައި އެމައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވުމަށް މި ކޮމިޝަނުން މިހާރު ނިންމާފައިވާކަން ފާހަގަ ކުރަމެވެ،" އޭސީސީން ބުނެފައިވެ އެވެ.
އޭސިސީިން ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް، މީގެ ކުރިންވެސް ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވާނެ ކަމަށެވެ.
އެގޮތުން އެ މައްސަލައިގެ ތަހުގީގު ނިންމައި އޮގަސްޓް 10، 2017ގައި ހިޔާނާތުގެ ރިޕޯޓް ޕީޖީއަށް ފޮނުވި އެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްތަކާ ގުޅޭ ގޮތުން ދައުވާ އުފުލަން ޖެހޭ މީހުންގެ މައްޗަށް ދައުވާ އުފުލައިދޭން ވެސް 2017 ވަނަ އަހަރު ޕީޖީ އޮފީހަށް ފޮނުވި އެވެ.
އަދި އެމްއެމްޕީއާރުސީން ރަށްތައް ދޫކުރުމަށް ބޭނުންކޮށްފައިވާ އެމްއެމްޕިއާރުސީގެ ބޯޑު ރިޒޮލިއުޝަނަކީ ފޯޖު ކޮށްފައިވާ ރިޒޮލިއުޝަނެއްކަމަށް ޝައްކު ކުރެވޭތީ އެފަދަ ތަހުގީގެއް ކުރުމުުގެ ގާނޫނީ ހައިސިއްްޔަތު ކޮމިޝަނަށް ލިބިފައިނުވާތީ އެމައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެދި 2017 ވަނަ އަހަރު ފުލުހުންނަށް ވެސް ހުށަހެޅި ކަމަށް އެސީސީގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުންވެސް އެކަމާގުޅުން ހުރި މައްސަލަތައް ކަމާބެހޭ މުައްސަސާތަކަށް ފޮނުވުމާއި ހިއްސާ ކުރަންޖެހޭ މައްސަލަތައްް އެ މުއައްސަސާތަކާ ހިއްސާ ކޮށްފައިވާ ކަމަށް އޭސީސީން ބުނެފައި ވެ އެވެ.
އޭސީސީން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅުން ހުރި ބައެއް މައްސަލަތައް އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.