ސްރީލަންކާގެ ވެއްލަވައްތަ ބީޗުގައި މަރުވެފައި އޮއްވައި ފެނުނު ދިވެހި ޒުވާނާގެ ޕޯސްޓްމޯޓަމް ހަދައިފިއެވެ.
ލަންކާގެ ވެއްލަވައްތަ ބީޗުގައި މަރުވެފައި އޮއްވައި ފެނުނީ ދ. މީދުއަށް އުފަން އުމުރުން 24 އަހަރުގެ އަފްހާމް ނަސީރެވެ.
ފުލުހުން ދެންމެ ބުނީ ލަންކާގައި މަރުވެފައިވާ އޮއްވައި ފެނުނު ދިވެހި ޒުވާނާގެ ޕޯސްޓްމޯޓަމް މިއަދު ހަދާފައިވާ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ފަރާތުން ލަންކާގައި ހަރަކާތްތެރިވަމުންދާ ޓީމަށް ލަންކާގެ ފުލުހުން މައުލޫމާތު ހިއްސާކޮށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
"އާއިލާގެ ފަރާތުން އަންނަނީ މިރޭގެ ވަގުތެއްގައި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުން،" ފުލުހުން ބުންޏެވެ.
ފުން އަދި ބޮޑެތި ޒަހަމްތަކާއެކު އަފްހާމްގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަމުން އަންނަނިކޮށެވެ. އޭނާ ގެއްލިގެން ލަންކާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ހުކުރު ދުވަހުގެރޭ 10:30 ގައެވެ. މި މައްސަލައާ ގުޅިގެން ތިން މީހަކާ ސުވާލުކޮށްފައިވާ އިރު، އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.
އަފްހާމް މަރުވީ އަމިއްލައަށް ކަމެއް ނުވަތަ އޭނާ މަރާލީ ކަމެއް ރަސްމީކޮށް ލަންކާގެ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. އަފްހާމްގެ މަރުގެ މައްސަލައިގެ ތަހުގީގަށް ދިވެހި ފުލުހުންގެ ޓީމެއް އަންނަނީ ލަންކާގައި ހަރަކާތްތެރިވަމުންނެވެ.
އަފްހާމަކީ 2019 ވަނަ އަހަރުން ފެށިގެން ލަންކާގައި އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ތައުލީމު ހާސިލުކުރަމުން އަންނަ ޒުވާނެކެވެ.