އިބްރާހިމް ޒަކީ
ޕެޓް މާސްޓާއިން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ދޫނި މަރައިލުމަކީ އަނިޔާވެރި އަމަލެއް ކަމަށްބުނެ، އެ މައްސަލަ ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ސަރުކާރަށް ނިސްބަތްވާ މެންބަރުންނާއި، އިދިކޮޅު މެންބަރުންވެސް ވަނީ އެ ދޫނިތައް މަރައިލި މައްސަލަ ވަަރަށް ބޮޑަށް ކުށްވެރި ކުރައްވައިފައެވެ.
އެ މައްސަލައާ ގުޅިގެން އިދިކޮޅު، ޕީއެންސީގެ މެންބަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، އެ ދޫނިތާމެދު ސަރުކާރުން ކަންތައްކުރީ ވަރަށް ދެރަކޮށް ކަމަށާއި، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މަޖިލީހުންވެސް ބަލަން ޖެހޭ ކަމަށެވެ.
އެކަމުގައި އާއްމުންގެ ހުރި ކަންބޮޑުވުން ފާހަގަ ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، އެއީ ޖިނާއީ ކުށެއްގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން ދެކޭ ކަމަށެވެ.
އެތަކެތި ނަައްތާލި މައްސަލައިގައި އެޓާނީ ޖެނެރަލް ލަފާދިން ސަބަބާއި، ފިޝަރީޒް މިނިސްޓްރީން އެކަން ކޮށްފައިވާ ގޮތުގެ ފުރިހަމަ ތަހުގީގެއް ކަމާބެހޭ މުއައްސަސާތަކުން ކުރުމަށްވެސް އޭނާ ގޮވައިލެއްވިއެވެ. އެ ތަހުގީގަށްފަހު އެކަމާބެހޭ ފުރިހަމަ މައުލުމާތު ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އެ ދޫނިތައް ނައްތާލުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށައި، އެކަމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވެފައިވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވަނީ ޝަރީފްގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައިފައެވެ.
އީވާ ވިދާޅުވީ، އެކަމަކީ ހަޖަމް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ، ދޫނިތައް މަރައިލުމަކީ، ހުތުރު އަމަލެއް ކަމަށެވެ. އަދި އެއީ ރަނގަޅު ތަހުގީގެއް ހިންގަން ޖެހޭ ކަމެއްކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ސަރުކާރަށް ސީރިއަސް މައްސަލަތަކެއް ކުރިމަތިވެދާ ފަދަ އަމަލެއް ކަންވެސް ރާއީ ފާހަގަ ކުރެއްވިއެވެ.
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ވިދާޅުވީ، އެފަދަ ކަންކަމަކީ މި ސަރުކާރުގެ ވެސް އަދި އެމްޑީޕީގެވެސް ސިފައެއް އަދި އުސޫލެއްވެސް ނޫން ކަމަށެވެ. އެކަންކުރި ފަރާތްތައް އެކަން ކުރީ ކީއްވެތޯ ބަލައި ފިޔަަޅު އަޅަން ޖެހޭ ކަމަށާއި، އެކަން ބެލުމަށް މަޖިލީހުގެ ކަމާބެހޭ ކޮމެޓީތަކަށް ހުށަހަޅުއްވާނެ ކަމަށްވެސް ޔައުގޫބު ވިދާޅުވިއެވެ.
ޕެޓް މާސްޓާ" އިން ގެނައި 120 ދޫނި، ފިޝަރީޒް މިނިސްޓްރީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައި މަރާލި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.
ފިޝަރީޒް މިނިސްޓްރީން ބުނެފައި ވަނީ ދޫނިތައް މަރާލާފައި ވަނީ ގަވާއިދުގެ ދަށުން ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށްވެސް ބުނެފައިވެއެވެ.