މި އަހަރުގެ ޖެނުއަރީން ފެށިގެން ފާއިތުވި ހަފުތާއާ ހަމަޔަށް މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ) އަށް 2.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
މީރާއިން އާއްމުކުރި ވީކްލީ ރެވެނިއު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ 2 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 5ވަނަ ދުވަހާ ހަމަޔަށް މީރާއަށް ލިބުނު އާމްދަނީ 2،360،957،702ރ. އަށް އަރައެވެ. ޖެނުއަރީ މަހު އެކަނިވެސް މީރާއަށް 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު މި މަހުގެ ފުރަތަމަ ހަފްތާގައި ވެސް 833 މިލިއަން ރުފިޔާގެ އާމްދަނީއެއް އެ އޮތޯރިޓީއަށް ލިބުނެވެ.
މި މުއްދަތުގައި މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ޖީއެސްޓީންނެވެ. ޓީ ޖީއެސްޓީގެ ގޮތުގައި 781 މިލިއަން ރުފިޔާ ލިބިފައިވާއިރު ދެވަނައަށް އެންމެ ގިނަ އާމްދަނީ އެއް ލިބުނުކަމަށް ރެކޯޑްކުރެވިފައި ވަނީ އެހެނިހެން ޓެކްސް އާއި ފީ ގެ ގޮތުގައި މީރާއަށް ބަލައިގެންފައިވާ ފައިސާއެެވެ.
މީރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި އަހަރުގެ ޖުމުލަ އާމްދަނީގެ ގޮތުގައި 15.7 ބިލިއަން ރުފިޔާ އެ އޮތޯރިޓީއަށް ވަނީ ލިބިފައެވެ.