މުހައްމަދު ޖަމްޝަތް ވަހީދު
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް 1.5 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް ގަންނާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ކުރު މުއްދަތެއްގެ ހަތަރު ޓީބިލެއް ވިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އެ ޓީބިލްތައް ގަންނަ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހު ސަރުކާރަށް ފައިސާ ދައްކަން ޖެހެ އެވެ.
ފިނޭންސުން މި ފަހަރު ވިއްކަން އިއުލާނުކޮށްފައި ވަނީ ކުރު މުއްދަތުގެ ޓީ ބިލްތަކެވެ. މި ޓީބިލްތައް ގަންނަން ބޭނުންވާ ފަރާތްތަކުން ފިނޭންސް މިނިސްޓްރީގެ "ސަބްސްކްރިޕްޝަން" ފޯމް މެދުވެރިކޮށް އެ މިނިސްޓްރީއަށް ހުށަހަޅަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ޓީބިލް ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސަރުކާރުން މިހާތަނަށް 58.7 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައެވެ.