އިންސާފަކީ ވަކި މީހަކަށްލިބޭ އެއްޗެއްގެ ގޮތުގައި އޮތްހާ ހިނދަކު ގައުމެއްގައި ސުލްހަ މަސަލަސްކަން ގާއިމް ވެގެން ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ ''ޖުޑީޝަލް ކޮންފެރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް'' ގެ ނަމުގައި ކުރިޔަށް ގެންދާ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ނައިބު ރައީސް ވަނީ އަދުލުވެރިކަން ނެތް މުޖުތަމައުއެއްގައި ދުވަހަކުވެސް ހަމަޖެހުން ގާއިމްވެގެން ނުދާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ފަނޑިޔާރުގެ އިސްލާހުކޮށް ތަރައްގީކުރުމުގެ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކޮށް، މިނިވަންކަމާއި، ނަޒާހާތްތެރިކަމާއި، ހަރުދަނާ، އިލްމީ އަސާސްތަކުގެ މައްޗަށް އަދުލު އިންސާފު ގާއިމްކޮށްދޭނޭ ފަނޑިޔާރުގެއެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ނައިބު ރައީސް ވަނީ ޖުޑިޝަރީގެ އިސް ރޯލެއް އަދާކުރަނީ ސުޕްރީމްކޯޓުން ކަމަށް ވީހިނދު ޝަރުއީ ދާއިރާ ހަރުދަނާ ކުރައްވައި، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރައްވައި، ފަނޑިޔާރުގެއަކީ އަދުލު އިންސާފު ނެގެހެއްޓުމުގައި ސާބިތުކަމާއެކު މަސައްކަތްކުރާ އަދި ރައްޔިތުން އިތުބާރު ކުރާ ތަނެއްގެ ގޮތުގައި ބައްޓަން ކުރަން ޖެހޭ ކަމަށާއި އެގޮތްގޮތަށް ކަންކަން ބައްޓަންވުމަކީ އެންމެން ކުރާ އުއްމީދު ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ''ކޮންފެރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް'' ފަދަ ކޮންފަރަންސްތަކަކީ އަޅުގަނޑުމެންގެ ނިޒާމު ހަރުދަނާކޮށް ތަރައްގީ ކުރުމަށްޓަކައި ކުރެވެމުން އަންނަ ވަރަށް ބޮޑު އަދި އެހާމެ މުހިއްމު ކަމެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކޮންފަރެންސްތަކުގެ މަގުސަދަކީ ރާއްޖޭގެ ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކުރުމާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ތަރަހައިގެ މަތީގައި އަދި ދުސްތޫރީ ނިޒާމްތައް ބިނާވެގެންވާ އުސޫލުތަކާ އެއްގޮތަށް ފަނޑިޔާރުގެ އިސްލާހުކޮށް ތަރައްގީކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ޝާމިލް ކުރުން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުން އަންނަ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކެޑެމީން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.