ޚަބަރު

ކުޅުދުއްފުށީ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް

ކުޅުދުއްފުށި ސިޓީގެ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

މި މަޝްރޫއުގެ ދަށުން 882 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓް ޖެހުމާއި 30 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 42.37 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 200 ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއްވެސް ހަދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.