ނ. މަނަދޫ ކައުންސިލުން ހިންގާ މަނަދޫ ޕްރީސްކޫލްގެ އުނގެނުމާއި އުނގަންނައިދިނުމުގެ ހަރަކާތްތަކަށް އެވިޑު ކޮލެޖުން އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން ރާވައިފައިވާ ޕްރޮގްރާމްގެ ދަށުން މަނަދޫ ސްކޫލްގެ ޓީޗަރުންނަށް ހާއްސަކޮށްގެން ހުޅުވާލި ތިން ސްކޮލަރޝިޕުގެ ފުރުސަތުތަކަށް ހޮވުނު ފަރާތްތަކަށް މިއަދު ލިޔުން ހަވާލުކޮށްފި އެވެ.
އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަހުގައި އެކަމަށް ހާއްސަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްކޮލަރޝިޕަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދުއެވެ.
މިރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ވާޗުއަލްކޮށް، މަނަދޫ ކައުންސިލްގެ އިދާރާގައި ތިއްބަވައިގެން ކައުންސިލްގެ މެންބަރުންނާއި ސްކޮލާރޝިޕްތަކަށް ހޮވުނު ފަރާތްތައް ބައިވެރިވި އެވެ.
ސްކޮލާޝިޕްތަކަށް ހޮވިފައިވަނީ، މަނަދޫ މުރަކަ، ޒާހިދާ ހަސަން އާއި ޑޭޒީމާގޭ އައިމިނަތު ސާނިހާ އަދި ފިނިފެންމާގެ ޝަޒުރާ އަބޫބަކުރެވެ.
އެވިޑު ކޮލެޖުން ބުނީ ސްކޮލާޝިޕް ފުރުސަތުގެ ދަށުން މިތިން ޓީޗަރުންނަށްވެސް ލިބިފައިވަނީ އެވިޑް ކޮލެޖުން ހިންގާ ތިން އަހަރު ދުވަހުގެ ބެޗްލާސް އޮފް އާލީޗައިލްޑްހުޑް ޕްރޮގްރާމް ކަމަށެވެ.