ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޖޭއެސްސީ އެކުލެވިފައިވާ ގޮތާމެދު ފުންކޮށް ވިސްނައިލައްވަންޖެހޭ: ރައީސް

އަހުމަދު ޖައިޝަން

ފަނޑިޔާރުން އައްޔަނުކުރުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައިވާ ގޮތާމެދު ފުންކޮށް ވިސްނާލަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ "ގަޟާއީ އަހަރު 2019" އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ބައެއް ބޭފުޅުންގެ ނަޒަރުގައި، ފަނޑިޔާރުން އައްޔަންކުރުމާއި ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަދާކުރަންޖެހޭ ޖޭއެސްސީ އެކުލެވިގެންވާ ގޮތަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމަށް އެޅިފައިވާ ހުރަހެއް ކަމަށެވެ.

އެގޮތުން ޖޭއެސްސީގައި މިހާރު ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ތިން މަރުހަލާގެ ކޯޓުތަކުން ތިން ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި ބަންޑާރަ ނައިބާއި ގާނޫނީ ވަކީލަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި އާންމުންގެ ތެރެއިން މީހަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ބޭފުޅެކެވެ.

"މީގެ ތެރެއިން 8 ބޭފުޅުންނަކީ، އެ ބޭފުޅުންގެ މަގާމުގެ ހައިސިއްޔަތުން މާތް ﷲ ގަންދީ ހުވައެއް ކުރައްވައިގެން ތިއްބެވި ބޭފުޅެއް. އޭގެ އިތުރުން ޖޭއެސްސީގެ މެންބަރުކަމުގެ ހުވައިވެސް ކުރައްވައިގެން ތިއްބެވި ބޭފުޅުން. މަތިމައްޗަށް ދެ ހުވައި ކުރައްވައިގެން ތިއްބަވާއިރު، އެންމެ ނަޒާހަތްތެރިވާން ޖެހޭނީ އެބޭފުޅުން ނޫންތޯ؟،" އެމަނިކުފާނު ސުވާލުކުރެއްވިއެވެ.