ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ތާއީދެއް ނުކުރާނަން: އަލީ ވަހީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ކެންޑިޑޭޓުންނަށް ތާއީދުނުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އަލީ ވަހީދު އެހެން ވިދާޅުވި އިރު، ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމުގެ ގޮތުން ޖޭޕީން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް ޓިކެޓު ދިން ބައެއް ކެންޑިޑޭޓުންގެ އަތުން ޓިކެޓު އަތުލަމުންދާކަން ފާހަގަކުރެވެއެވެ.

އަލީ ވަހީދު ވިދާޅުވީ ޕާޓީން އެގޮތަށް ނިންމާފައި ނުވާ ކަމަށާއި ޕީޕީއެމް ނުވަތަ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުނުކުރާނެ ކަމަށެވެ. އަދި މަޖިލީހުގެ ޓިކެޓު ދިނުމުގެ ބާރު ޖޭޕީގެ ލީޑަރަށް ދީފައިވަނީ އެ ޕާޓީގެ ކައުންސިލްގެ އަޣުލަބިއްތުން ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެ ކައުންސިލް ބައްދަލުވުމުގައި އަޅުގަނޑު އެކަމަށް ތާއީދެއް ނުކުރަން. އެހެންކަމުން އަޅުގަނޑު ވޯޓެއް ނުލަން. 22 ބޭފުޅުން އެއަށް ވޯޓެއް ނުލައްވާ އުސޫލެއް ގޮތަށް ކަނޑައެޅޭކަށް. އެހެންނަމަވެސް ޕާޓީއެއްގައި އުޅޭ އިރު މެޖޯރިޓީއަށް އެ ޕާޓީގެ ކަންކަން ދާނީ. ހަމަގައިމުވެސް އަޅުގަނޑުމެންނަށް ނުދާނަން ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ތާއީދުކުރާކަށް. އެކަމެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.

ޖޭޕީގެ ރައީސް އަލީ ވަހީދު ވިދާޅުވީ ޓިކެޓު ދީފައި އަތުލީމާ ވެސް ބައެއްގެ ހައްގު ގެއްލޭ ކަމަށާއި ސިޔާސީ ކަންކަމުގައި ސިޔާސީ ނިންމެވުންތައް ނިންމެވޭނެ ބޭބޭފުޅުން އެ ނިންމުންތައް ނިންމަވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ޖޭޕީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުންނާއި ކައުންސިލް މެމްބަރުން ބޭނުން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހަމަގައިމުވެސް ޖުމްހޫރީ ޕާޓީގެ ގިނަ އާންމު މެމްބަރުންނާއި އަދި ގިނަ ކައުންސިލް މެމްބަރުން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓަން. އަދި ސަރުކާރާ އެއްކޮށް ތިބެން. މިހެން މިދަންނަވަނީ ކޮންމެހެން ވަޒީރުކަމުގެ މަގާމު ބޭނުންވެގެންނެއް ނޫން. ވަޒީރުކަމުގެ މަގާމު އޮތުމާއި ނެތުން އެއީ ވަގުތީ ކަމެއް. އެއްވެސް މަގާމަކީ ދާއިމީ މަގާމެއް ނޫން. އެހެންނަމަވެސް ކޮންމެވެސް އުސޫލުތަކަކާއި ޕްރިންސިޕަލްސްތަކެއް އަޅުގަނޑުމެން ހިފަހައްޓަން އެބަޖެހޭ،" އޭނާ ވިދާޅުވިއެވެ.