މާލޭގައި ރޭ ކަރަންޓުގައި ޖެހުނު އުމުރުން 17 އަހަރުގެ ކުއްޖާއަށް މިހާރު ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުގެ އޮފިޝަލަކު ވިދާޅުވީ އެމަޖެންސީގައި ރޭ ފަރުވާދިނުމަށްފަހު ޑޮކްޓަރުގެ ލަފާގެމަތިން މިއަދު އައިސީޔޫއަށް އެ ކުއްޖާ ބަދަލުކޮށްފައިވާ ކަމަށެވެ.
"ކަރަންޓު ޖެހުމުގެ ސަބަބުން އެ ކުއްޖާގެ ސިކުނޑިއަށް ވަނީ ގެއްލުން ލިބިފައި،" އައިޖީއެމްއެޗުގެ އޮފިޝަލް ވިދާޅުވިއެވެ.
އެ ކުއްޖާ ކަރަންޓުގައި ޖެހުނީ ރޭ 8:20 އެހައިކަންހާއިރު ވިލާ ކޮލެޖް ކުރިމަތީ އޮންނަ ހުސްބިމަށް ރޭ ކުޅެން ގޮސް އުޅުމުގެ ތެރޭގައި ވެއްޓިފައި އޮތް ހޮޅިދަނޑިއެއް ނަގަން އުޅެނިކޮށެވެ.
އެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.