ޚަބަރު

ޝަރަފުވެރިކަމާއެކު ރިޓަޔަރވެފައިވާ 22 ފަނޑިޔާރަކު ތަކްރީމް ކުރައްވައިފި

އަހުމަދު ޖައިޝަން

ރާއްޖޭގައި ޝަރަފުވެރިކަމާއެކު ރިޓަޔަރ ވެފައިވާ 22 ފަނޑިޔާރެއްގެ ހިދުމަތުގެ އަގުވަޒަންކޮށް ތަކްރީމް ކުރައްވައިފި އެވެ.

ތަކްރީމް ކުރުމަކީ ޝަރުއީ ދާއިރާއަށް ހިދުމަތް ކޮށްދެއްވާފައިވާ ފަނޑިޔާރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހާއްސަ ޝަރަފެއް އެރުވުމެވެ. އެގޮތުން މެޑަލް އާއި ޝަރަފުގެ މުގުރު އަދި ފަތްކޮޅު ވަނީ އެ ބޭފުޅުންނަށް އަރުވައިފައެވެ.

"ގަޟާއީ އަހަރު 2019"ގެ ރަސްމިއްޔާތުގައި 22 ބޭފުޅަކު ތަކްރީމް ކުރައްވާފައިވަނީ 40 އަހަރަށްވުރެ ގިނަ ދުވަހު ޝަރުއީ ދާއިރާއަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި ހިދުމަތްކުރެއްވުމަށްފަހު ރިޓަޔަރ ކުރައްވާފައިވާ ފަނޑިޔާރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ފަރާތްތަކެވެ.

މިރޭ ތަކްރީމް ކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ދެ ބޭފުޅުންނާއި އެކި އެކި ކޯޓުތަކުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުން ހިމެނެއެވެ.