ޚަބަރު

ހަށިގަނޑުގައި ޑްރަގު ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު މީހާގެ ބަންދު އިތުރުކޮށްފި

މުހައްމަދު އިޝާން

ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ބުސްރާ އަނީސްގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ކުރިމިނަލް ކޯޓުން އަނީސްގެ ބަންދަށް އިއްޔެ ޖަހާފައިވަނީ 15 ދުވަހެވެ. އަނީސްގެ ރާއްޖެ އައިއިރު އޭނާ ލައިގެން ހުރި ޖަނގިޔާގެ ތެރެއިން ވަނީ 852 ގްރާމުގެ ހެރޮއިން ފެނިފައެވެ.

އަނީސްގެ ބަންދު މުރާޖާކުރުމަށް މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އޭނާ ބުނެފައިވަނީ ޖަލުގައި ހުރުމުގެ ސަބަބުން އަމިއްލަޔަށް މަރުވާން ހިތަށް އަރާ ކަމަށެވެ. އެހެންވެ ގާޒީ ވަނީ އޭނާ ރަނގަޅަށް ބެލެހެއްޓުމަށް އަމުރުކުރައްވައިފައެވެ. އަނީސް ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް އެއްބަސްވެފައެވެ. އަނީސް ކޯޓުގައި ބުނެފައިވަނީ އޭނާއަކީ މަސްތުވާތަކެތި ގައުމުތަކަށް އެތެރެކުރާ ނެޓްވޯކެއްގެ މީހެއް ކަމަށެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނީ ދިވެއްސަކު ބުނެގެން ބަދަލުގެ ގޮތުގައި 3000 އެމެރިކާ ޑޮލަރު ދޭގޮތަށް ކަމަށެވެ. އެ ދިވެހި މީހާ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

އަނީސްގެ އާއިއެކު ރާއްޖެ އައި އިތުރު ދެ މީހުން ކަމަށްވާ މުހައްމަދު ޔަސީންގެ ބޫޓު ތެރެއިން 738 ގްރާމުގެ ހެރޮއިން ފެނިފައިވާއިރު މުނީރު އަޒީޒުގެ ބޫޓު ތެރެއިން ވަނީ 895 ގްރާމުގެ ހެރޮއިން ފެނިފައެވެ. މި ދެ މީހުންގެ ބަންދު މުރާޖާކުރުމުގެ އަޑުއެހުން މިދިޔަ ހަފުތާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ އަޑުއެހުމުގައި އެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.