ވަޅިން ބިރު ދެއްކުމަށް ފަހު އެކްސްޕާޓް މޯޓާސްގެ ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފިއެވެ.
ފުލުހުން ބުނީ މިރޭ 10:30 ހާއިރު ދެ ސައިކަލެއްގައި ދިޔަ ތިން މީހަކު ވަޅިން ބިރު ދެއްކުމަށް ފަހު، އެކްސްޕާޓް މޯޓާސްގެ 560،000 އަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފޭރިގެންފައިވަނީ ފަތަހަ ސުންބުލި ކައިރިން ކަމަށާއި މި ފައިސާތަކަކީ އެކްސްޕާޓް މޯޓާގެ އޮފީހުން ގެންދިޔަ ފައިސާތަކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަންޒަރު ދުށް ފަރާތެއް "ވަން އޮންލައިން" އަށް ކިޔައިދިން ގޮތުގައި އެ ފައިސާތައް އަތުލައިގެންފައިވަނީ ސައިކަލުގައި ދިޔަ ދެމީހުން ކަމަށެވެ.
"ސައިކަލުގެ ފަހަތުގައި އިން މީހާ އިނީ މޫނުގައި ކަޅު މާސްކެއް އަޅައިގެން. ކަޅު ޓީޝާޓެއްވެސް ލައިގެން އިނީ،" އޭނާ ކިޔައިދިނެވެ.
ނަމަވެސް ދުއްވަން އިން މީހާ އިން ގޮތެއް ނޭނގުނަސް އޭނާ ހުރީ މޫނު ނިވާ ނުކޮށް ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.
ފައިސާ ހިފައިގެން ހުރި މީހާ މަންޒަރު ދުށް ފަރާތްތަކަށް ކިޔައިދިން ގޮތުގައި އޭނާ ހީކުރީ ވަޅި ދިއްކޮށްގެން އުޅުނީ މަޖަލަކަށް ކަމަށެވެ.
މަންޒަރުދުށް ފަރާތްތަކުން ބުނާގޮތުގައި ފައިސާ ފޭރިގަތް މީހުންގެ ތެރެއިން ވަޅި ހިފަހައްޓައިގެން ހުރި މީހާ ދެ ފަހަރަކު ވަޅި ހޫރާލި ކަމަށެވެ. އެހެންނަމަވެސް އެ ވަޅިން މީހެއްގެ ގައިގައި ނުޖެހޭ ކަމަށްވެސް ބުނެއެވެ.
މިމަހުގެ ތެރޭގައި ފޭރުމުގެ ތިން ހާދިސާއެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. މިމަހުގެ ކުރީކޮޅު ހދ. ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ހުރި މީހަކު ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު ފައިސާތަކެއް ފޭރިގަންފައިވާ އިރު، މިމަހުގެ ދިހަވަނަ ދުވަހު ހޮރައިޒަން ފިޝަރީޒް ކުންފުނީގެ 160000 ރުފިޔާގެ ޗެކެއް ވަނީ ފޭރިގެންފައެވެ.
އޭގެ އިތުރުން އިއްޔެ ވަނީ ހުޅުމާލޭގައި މޫނު ނިވާކޮށްގެން ހުރި މީހަކު ވަޅީން ބިރުދައްކައި، ޖަމާކުރަން ގެންދިޔަ ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފިއެވެ. އޭނާ އެ ފައިސާތައް ފޭރިގެންފައިވަނީ ހުޅުމާލޭގައި ހުންނަ ''ރޫޓު'' ފިހާރައިން ބޭންކަށް ޖަމާކުރުމަށް ގެންދިއުމަށްޓަކައި، އެ ފައިސާ ހިފައިގެން ވޭނަށް އަރަން އުޅެނިކޮށެވެ.
ފޭރުމުގެ މައްސަލަތައް ފަހަކަށް އައިސް އިތުރުވަމުންދާތީ، ގިނަ އަދަދެއްގެ ފައިސާ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން ދަނީ އަބަދުވެސް އިލްތިމާސް ކުރަމުންނެވެ.
އެގޮތުން ފުލުހުން ބުނެފައިވަނީ ކުންފުނިތަކާއި ފިހާރަތަކުން ގިނަ އަދަދެއްގެ ފައިސާ އާއި ޗެކު، އެއްތަނުން އަނެއްތަނަށް ގެންދާއިރު މާލޭގައި ނަމަ 9980068 ނަމްބަރަށް ގުޅައި، ފުލުހުންގެ ސެކިއުރިޓީގެ އެހީ ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ހުޅުމާލެއިން ނަމަ 9790089 ނަމްބަރަށް ނުވަތަ 4000007 ނަމްބަރަށް ގުޅައިގެން ފުލުހުންގެ އެހީތެރިކަން ހޯދުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.