ފަނޑިޔާރުގޭގައި މައްސަލަތައް ދިގުލައިގެން ދިއުމަކީ ގައުމުގެ އިގްތިޞާދާއި ތަރައްގީއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ "ގަޟާއީ އަހަރު 2019" އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ވިޔަފާރި އާއި ބޭންކުގެ މުއާމަލާތްތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ފަނޑިޔާރުގޭގައި ތާށިވެފައި އޮންނަ ކޮންމެ ދުވަހަކީ، ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ބޭރުގެ ވިޔަފާރިވެރިން، ރާއްޖެއާ ދުރަށް ޖައްސާނެ ދުވަހެއް ކަމަށެވެ.
"ރާއްޖޭގެ ގާނޫނީ އަދި ޝަރުއީ ނިޒާމާ ބެހޭގޮތުން 2014 ވަނަ އަހަރު ޔޫއެންޑީޕީން ހެދި ސާވޭއަކުން ދައްކާގޮތުގައި ރައްޔިތުންގެ ގާތްގަނޑަކަށް 71 އިންސައްތަ ބޭނުންވަނީ ކޯޓުތަކަށް ނުގޮސް މައްސަލަތައް ހައްލުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ސަބަބަކީ އެ ފަރާތްތަކަށް ކޯޓުތަކަށް އިތުބާރު ނުކުރެވުން ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.
އެގޮތަށް ކަންތައް ކުރަނީ އިންސާފު ލިބޭނެކަމުގެ އިތުބާރު ނެތުމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.