ފަނޑިޔާރުންނަކީ ގާނޫނު އަސާސީގެ އިމުގެ ތެރޭގައި ޖަވާބުދާރީ ކުރެވެން ޖެހޭނެ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
"ގަޟާއީ އަހަރު 2019" އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ ތިން ބާރުވެސް ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.
އެގޮތުން ޝަރީއަތްތައް ކުރިއަށް ގެންދާން ޖެހޭނީ އާންމުކޮށް ހުޅުވާލައިގެން ހާމަކަމާއެކުގައި ބާއްވާ އަޑުއެހުންތަކެއްގައި ކަން ގާނޫނު އަސާސީގައި ސާފުކޮށް ބުނެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ ޝަރީއަތްތައް ހުޅުވާލުމަކީ ފަނޑިޔާރުގޭގެ އިހްތިޔާރުގައި ދޫކޮށްލާފައި އޮތް ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ ކަންތައްތަކަކީ އިންސާފު ހޯދަން ދާ މީހާ އާއި މުޅި މުޖުތަމައުގެ ހައްގެއް ކަމަށެވެ.
ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީކުރުމުގެ އަނެއް އުސޫލަކީ ބިނާ ކުރަނިވި ފާޑުކިޔުމަށް ތަރުހީބު ދިނުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ރައްޔިތުންގެ މަޖިލީހަކީ މިހާރުވެސް އެންމެ ގިނަ ފާޑުކިޔުން އަމާޒުވާ އެއް ތަން. ހަމައެފަދައިން ފަނޑިޔާރުގެއަކީ ވެސް ބިނާކުރަނިވި ފާޑުކިޔުމަށް ތަރުހީބު ދޭ ތަނަކަށް ވާނަމަ ފަނޑިޔާރުގޭގެ މިސްރާބު ސީދާ ކުރަން ވަރަށް ފަސޭހަ ވާނެ،" ރައީސް ވިދާޅުވިއެވެ.