މިއަހަރުން ފެށިގެން 2023 އާ ހަމައަށް ރާއްޖޭގެ ޝަރުއީ ދާއިރާގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތުގެ އެކްޝަން ސްޓްރެޓީޖިކް ޕްލޭނެއް ނެރެދެއްވައިފި އެވެ.
"ގަޟައީ އަހަރު 2019" އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި އެ އެކްޝަން ޕްލޭން ނެރެދެއްވާފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ އެ އެކްޝަން ޕްލޭނަކީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަގު ޗާޓެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަބްދުﷲ ނަޒީރު ވިދާޅުވީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ގިނަ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އެއީ ސިޔާސީ އާއި އިގްތިޞާދީ އަދި މީހުންގެ ވިސްނުމަށް އައިސްފައިވާ ބަދަލުތައް ކަމަށް ނަޒީރު ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ އެފަދަ ބަދަލުތަކާއެކު ކަންތައްތައް ކުރުމުގެ ވައްޓަފާޅިއަށްވެސް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.