މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) ކާމިޔާބުކޮށްފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާއަށް ބަލާއިރު އެ ގޮނޑި ރާޝިދު ކާމިޔާބުކޮށްފައިވަނީ ދާއިރާގެ ހުރިހާ ވޯޓު ފޮއްޓަކުން ޖުމުލަ 1401 ވޯޓު ކާމިޔާބުކޮށްގެންނެވެ. އެއީ 48.56 އިންސައްތަ ވޯޓެވެ.
ރާޝިދުއާ އެންމެ ގާތުން ވާދަކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމެވެ. ފަތުހީއަށް 1161 ވޯޓު ލިބުނު އިރު، އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީސަށް ލިބިފައިވަނީ 324 ވޯޓެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ބެހެއްޓުނު ހަތް ވޯޓު ފޮށީގެ ވަކިވަކި ނަތީޖާއަށް ބަލާއިރު ރާޝިދު ވަނީ ފަސް ފޮއްޓަކުން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީގެ މައްޗަށް ކުރި ހޯދައިފައެވެ.
މި އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ، ކޮމަންޑޫ އާއި ފޯކައިދޫގައި ދެ ވޯޓު ފޮށި އަދި މަރޮށީގައި އެއް ފޮށީގެ އިތުރުން މާލޭ އިސްކަންދަރު ސްކޫލުގައި ދެ ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. އިސްކަންދަރުގައި ބަހައްޓާފައިވަނީ ކޮމަންޑުއަށް އެއް ފޮށި އަދި މަރޮށި، ފޯކައިދުއަށް އެއް ފޮއްޓެވެ.
މި އިންތިހާބުގައި 3،309 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު، ވޯޓު ލާފައިވަނީ 2،313 މީހެކެވެ. އޭގެ ތެރެއިން ސައްހަ ވޯޓުގެ އަދަދަކީ 2،275 އެވެ. އަދި ބާތިލު ވޯޓުގެ އަދަދަކީ 38 އެެވެ.
މިއީ މި ފަހުން ރާއްޖޭގައި ބޭއްވުނު އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ބައި އިލެކްޝަނެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑިއާ އެކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގޮނޑީގެ އަދަދު މިވަނީ އަނެއްކާވެސް 65 އަށް އަރައިފައެވެ.
މި އިންތިހާބާ ބެހޭ ބައެއް މައްސަލަތައް ހުށަހެޅިފައިވީ ނަމަވެސް އިންތިހާބަށް ބަދަލެއް އަންނާނެ ވަރުގެ ޝަކުވާއެއް ހުށަހެޅިފައިވާކަމުގެ މައުލުމާތު ލިބިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ތައުފީގު މިއަދު ވަނީ "ވަން" އަށް ވިދާޅުވެފައެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި މީގެ ކުރިން ފުރުއްވަމުން ގެންދެވީ އެމްޑީޕީ މެންބަރު ހުސެއިން ވަހީދެވެ. ހުސައިން ވަހީދު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިދިޔަ ޑިސެމްބަރު 13 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެން އެ ދާއިރާގެ ގޮނޑި ވަނީ ހުސްވެފައެވެ.