ޚަބަރު

އިމާރާތެއްގެ ހަވަނަ ފަންގިފިލާއިން ކުނި ކޮތަޅެއް ވެއްޓި އަންހެނަކަށް އަނިޔާވެއްޖެ

އަހުމަދު ޖައިޝަން

މާލޭގެ އިމާރާތެއްގެ ހަވަނަ ފަންގިފިލާއިން ކުނި ކޮތަޅެއް ވެއްޓި އަންހެނެއްގެ ބޮލުގައި ޖެހި އެ އަންހެން މީހާއަށް އަނިޔާތަކެއް ވެއްޖެއެވެ.

ކުނި ކޮތަޅު ބޮލަށް ވެއްޓި އަނިޔާވެފައިވަނީ ހ. ގޯނބިލިގެ، އައިމިނަތު ޒެހެލީން ހަމީދަށެވެ.

އަނިޔާވި ޒެހެލީން "ވަން އޮންލައިން"އަށް މައުލޫމާތު ދެމުން ބުނީ ބޮލަށް ވެއްޓުނު ކުނި ކޮތަޅުގައި އުނބުގެ އިތުރުން ނުބައި ވަސް ދުވާ އެއްޗެހިވެސް ހުރި ކަމަށެވެ.

ތެލެސީމިޔާ މީހެއް ކަމަށްވާ ޒެހެލީން ބުނީ އެ އެކްސިޑެންޓުގެ ސަބަބުން ބޮލުގެ އެއްފަޅި ވަނީ ދުޅަ ވެފައި ކަމަށެވެ.

ފަރުވާ ދިނުމަށްފަހު އޭޑީކޭއިން ވަނީ ސީޓީ ސްކޭން އެއް ހެދުމަށް އަންގާފައި ކަމަށް އޭނާ ބުންޏެވެ.

"މިހާރު ގެއަށް އައިސް މިހުރީ. ބޮލުގައި އައިސް ޖައްސައިގެން މިވަގުތު މިހުރީ،" އޭނާ ބުންޏެވެ.

ފުލުހުން ބުނީ މިއަދު އިރުއޮއްސި 1850 ހާއިރު ހ. ބްލޫހައުސްގެ ހަވަނަ ފަންގިފިލާއިން ވާ ޖަހާފައި ބޭލި ކުނިކޮތަޅެއް ފަޅައިގެން ގޮސް އެވަގުތު އެ ސަރަހައްދުން ދިޔަ 35 އަހަރުގެ އަންހެނެއްގެ ބޮލުގައި ވަނީ ޖެހިފައި ކަމަށެވެ.

އެ އަންހެން މީހާއަށް ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާކަން ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ ކޮތަޅުގައި ހުރީ ބަދިގެއިން އުކާލާ ކުނިތައް ކަމަށްވެސް ފުލުހުން ބުންޏެވެ.