ޚަބަރު

މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިޔަސް، ފެއިލް ކޮށްލާނަން: އަބްދުﷲ ރިޔާޒް

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިޔަސް، ފެއިލް ކޮށްލާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވަނީ މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ވަގުތީ ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، ކޮންގްރެސް ޕާޓީއާއި ޕީޕީއެމް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވުމުންނެވެ.

ރިޔާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޑިފެންސް މިނިސްޓަރު މާރިޔާ، އިތުބާރު ގެއްލޭ ފަދަ ކަމެއް ކުރައްވާފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ޑިފެންސް މިނިސްޓަރު މާރިޔާ، އިތުބާރު ގެއްލޭ ފަދަ ކަމެއް ކުރައްވާފައިވާ ކަމަށް ގަބޫލެއް ނުކުރަން. އެފަދަ މައްސަލައެއް ހުށަހެޅި ނަމަވެސް އެކަން ފެއިލް ކޮށްލާނަން،" ރިޔާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެންމެ ފުރަތަމަ ކުރާނެ މަސައްކަތަކީ ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުން ކަމަށާއި އެ މައްސަލަ ހުށަހަޅަނީ މި ގައުމުގެ މިނިވަންކަން ބޭރު ބަޔަކަށް ދޫކޮށްލާނެ ކަމުގެ އިންޒާރު، މާރިޔާ ދީފައިވާތީ ކަމަށެވެ.

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާނެ ކަމަށާއި ޑިފެންސް މިނިސްޓަރުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވެސް ބައްލަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.