ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވުމުން ގައުމުގެ ރައީސެއް ނަމަވެސް އެކަމުގެ އަގު ދައްކަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒެއިނާ މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ.
ރޮޒައިނާ ވިދާޅުވީ އެގޮތަށް މަސައްކަތް ކޮށްގެން ނޫނީ ކޮރަޕްޝަންގެ ސަގާފަތް ރާއްޖެއިން ނުފޮހެވޭނެ ކަމަށެވެ.
"ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި މައްސަލަތައް [ހިޔާނާތުގެ މައްސަލަތައް] ބައްލަވަން ފެއްޓުން މިއީ ރާއްޖޭގެ މުސްތަގުބަލަށް ވަރަށް މުހިއްމު ފިޔަވަޅެއް،" ރޮޒައިނާ ވިދާޅުވިއެވެ.
ރައީސް ޔާމީން މިއަދު ޖަލަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރު ކުރުމާ ގުޅިގެންނެވެ.