ސިނަމާލެ ބުރިޖުގައި މާލެއާއި ހުޅުމާލެއާ ދެމެދުގައި ދުއްވުމަށް ދެ ބުރި ބަހެއް ގެނެސްފިއެވެ.
އެމްޕީއެލްއިން ބުނީ ފުރަތަމަ ދެ ބުރި ބަސް ގެނައި ނަމަވެސް، އެ ބޭނުންކުރަން ފެށޭނީ ރަޖިސްޓަރީގެ ކަންކަން ނިމުމުން ކަމަށެވެ.
ބުރިޖުގައި ބަހުގެ ހިދުމަތް ދިނުމަށްޓަކައި 22 ބަސް ބޭނުންކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި އަށް ދެ ބުރި ބަސް ހިމެނެއެވެ. ދެ ބުރި ބަސްތަކަކީ 90 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.
ބުރިޖުގައި އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މިހާރު ނުވަ ބަހެއް ބޭނުންކުރެއެވެ. އެއީ ހަތް ސިޓީ ބަހާއި ދެ ކޯޗް ބަސް ކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލްއިން މާލެއާއި ހުޅުމާލެއާ ދެމެދު ބަހުގެ ހިދުމަތް ދެމުންދަނީ އެއްވެސް ފީއަކާ ނުލައި، ހިލޭއެވެ. އަދި ބުރިޖުގައި އާންމުން ދުއްވާ ވެހިކަލްތަކަށް ވެސް ފީއެއް ނަގަން ފަށާފައެއް ނުވެއެވެ.