ޚަބަރު

އަސާސީ ހިދުމަތް ނެތް ރަށްރަށުގައި އެ ވަސީލަތްތައް ފުރިހަމަކުރުމަށް ސަރުކާރުން އިސްކަން ދޭނެ: ރައީސް

އަހުމަދު ޖައިޝަން

އަސާސީ ހިދުމަތްތައް ފުރިހަމަ ވެފައި ނެތް ރަށްރަށުގައި އެ ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ވ. އަތޮޅު ރަކީދޫ ކައުންސިލުގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ބައްލަވައި އެކަންކަން ހައްލުކޮށްދެއްވަން ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ރަށަށް އެންމެ ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަމާ ބެހޭ މައުލޫމާތު ވަނީ ކައުންސިލުން ރައީސް ސޯލިހަށް ހިއްސާކުރައްވައިފައެވެ.

އެގޮތުން ރަށުގެ ތައުލީމާއި ސިއްހީ ނިޒާމުގެ އިތުރުން ދަތުރުފަތުރުގެ ގޮންޖެހުންތަކާ ގުޅޭގޮތުން ކައުންސިލުން ވަނީ ރައީސަށް މައުލޫމާތު ދެއްވައިފައެވެ.