ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީއަށް ވަޑައިގަތުމަށް ފުރާވަޑައިގެންފި އެވެ.
މިނިސްޓަރު ޝާހިދު އެމެރިކާއަށް ވަޑައިގަތުމަށް މިއަދު ފުރާވަޑައިގެންނެވި އިރު މިއީ މިނިސްޓަރު އެމެރިކާއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ.
އެގޮތުން މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގައި ޑީސީއަށް ވަޑައިގެން ސަރުކާރުގެ އިސް ފަރާތްތަކާ މިނިސްޓަރު ވަނީ ބައްދަލުކުރައްވައިފައެވެ.
މިނިސްޓަރު މިއަދު ފުރާވަޑައިގެންނެވި ދަތުރުފުޅަކީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕީއޯގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އެ ދަތުރުފުޅުގައި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަމަށް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ.
މިއަދު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމެރިކާއަކީ އަބަދުވެސް ރާއްޖޭގެ ޕާޓްނަރެއް އަދި އެކުވެރިއެއް ކަމަށެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.