ރިފާ ހަލީލު
ހއ. ދިއްދޫ ގަބުރުސްތާނުން ނަގާފައި ހުރި ހިރިގަލުގެ މަހާނަގާތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އެ ރަށު ކައުންސިލްގެ އެއްބާރުލުން ބޭނުންވާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފި އެވެ.
ދިއްދޫ ގަބުރުސްތާނުގައި ހުރި 100 އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުރި ހިރިގަލުގެ މަހާނަގާތަށް ނަގައި ފުންޏަކަށް ޖަހާފައި އެތަކެތި ހަލާކުވާން ދޫކޮށްލައިފައިހުރި ކަމަށްބުނެ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެ ގާތަކުގެ ފޮޓޯއާއެކު ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި މިއީ ތާރީހަށް އާ މައުލޫމާތުތަކެއް ލިބިގެންދާނެ ފަދަ ލިޔުންތައް ހުރި ގާތަކެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.
މިކަމާ ކަންބޮޑުވުން ފާޅު ކުރަމުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިއްދޫގެ ގަބުރުސްތާނުގައި ހުރި ދުވަސްވީ ހިރިގަލުގެ މަހާނަގާތަކެއް ނަގައި، ގާފުންޏަކަށް ވާހެން އުކާލާފައިވާތަން ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުން ކަމަށާއި އަދި މިކަން ބައެއް ނޫސްތަކުގެ ފަރާތުންވެސް ވަނީ އެ މަރުކަޒުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ދިއްދޫ ގަބުރުސްތާނުން ނަގާފައި ހުރި ހިރިގަލުގެ މަހާނަގާތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އެ ރަށު ކައުންސިލްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ މަރުކަޒުން މިހާރު އަންނަނީ މި މަހާނަގައުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ދިއްދޫ ކައުންސިލާއ މަޝްވަރާ ކުރަމުން ކަމަށެވެ.
ގާތައް ނަގައި ފުންޏަކަށް ޖަހާފައިވާއިރު، މިކަން ކޮށްފައިވަނީ ދިއްދޫ ގަބުރުސްތާނުގެ ޖާގަ ކުޑަވެގެން އެ ގަބުރުސްތާނުގައި ކުރިން މީހުން ވަޅުލާފައިވާ ސަރަހައްދު އަލުން ބޭނުންކުރުމަށްޓަކައި އެތަން ސާފުކުރުމަށް 2017 ވަނަ އަހަރުގެ ތެރޭގައި ކަމަށް އެ މަރުކަޒުން ބެލި ބެލުމުން އެނގޭ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
މިއީ ސަގާފީ ތަރިކައިގެ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ހިނގާފައިވީ ކަމެއް ނަމަވެސް އޭރުވެސް އަމަލު ކުރަމުން އަންނަ ގާނޫނުގައި މިފަދަ ދުވަސްވީ ދިވެހީންގެ ސަގާފީ މަސައްކަތްތައް ފެންނަން ހުންނަ މަސައްކަތްތަކާއި ތަކެތި ހަލާކުކޮށް ނުވަތަ ވީރާނާވާން ބެހެއްޓުމަކީ މަނާކަމެކެވެ. ދިވެހި ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ވުޖޫދަށް އައީ 2019 ވަނަ އަހަރުގަ އެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނީ އިހުގެ މިފަދަ މަހާނާގާތަކަކީ ހިރިގަލު ވަޑާމުގެ މަސައްކަތްތެރިކަން މަތީފެންވަރަކަށް ދައްކުވައިދޭ ތަކެއްޗަށް ވުމާއި، މަހާނާގަލުގައި ހުންނަ ލިޔުންތަކަކީ އެ ލިޔުންތައް ދިރާސާކޮށްގެން ދިވެހިރާއްޖޭގެ ތާރީހަށް އާ މައުލޫމާތުތަކެއް ލިބިގެން ހިނގައިދާނެ ފަދަ ލިޔުންތަކެއް ކަމަށެވެ. އެހެން ކަމުން ދިވެހިންގެ ތާރީހާއި ސަގާފަތް ދެމެހެއްޓުމަށްޓަކައި މިފަދަ މަހާނަގާތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށް އެ މަރުކަޒުން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުގައިވާ ގޮތުގެ މަތިން މީހުން ދިރިއުޅޭ ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލްގެ ޒިންމާގެ ތެރޭގައި ހިމެނިފައި އޮންނަ ކަމެކެވެ.
ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ހުރި މިފަދަ، ދިވެހިންގެ މަސައްކަތްތެރިކަމާއި، ތާރީހު ފެންނަ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެ މަރުކަޒާއި، ކައުންސިލްތަކާއި އަދި އާންމު ފަރުދުންގެވެސް ގާނޫނީ ޒިންމާއަކަށްވާއިރު، މިފަދަ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށް ހާއްސަ އިސްކަމެއް ދީގެން، ތާރީހީ ގޮތުންނާއި، އަދި ސަގާފީ ފަތުރުވެރިކަމުގެ ތެރެއިން އިގުތިސާދީ ގޮތުން މިތަކެތީގެ ބޭނުން ހިފޭނެ ވިސްނުންތައް އިސްކުރެއްވުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ މަރުކަޒުން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކޮށްފަ އެވެ.
ދިއްދޫ ކައުންސިލް ރައީސް އަބްދުﷲ ރަޝީދު "ވަން" އަށް މިއަދު ވިދާޅުވީ އެ މަހާނަ ގާތައް ނެގީ ގަބުރުސްތާނުގެ ޖާގަ ކުޑަވެ އަލުން ވެލި އެޅުމަށް ކަމަށެވެ. އަދި މަހާނަގާތަކަށް ގެއްލުން ދީފައި ނުވާނެ ކަމަށާއި އެތަކެތި ނަގައި އެއް ކައިރީގައި ބަހައްޓާފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ އެ މަހާނަ ގާތައް ރައްކާތެރިކުރުމަށް އެ ކައުންސިލުން ކުރާނެ ކަމެއް ނެތް ކަމަށެވެ. އަދި އެއީ ހެރިޓޭޖުގައި ރެޖިސްޓްރީ ކޮށްފައިވާ ގާތަކެއްވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަކި އެ ގާތަކަށް ހަދާނެ އިތުރު ގޮތެއް ނެތް. ހެރިޓޭޖުން ބޭނުން ވަންޏާ ގެންދަންވީ. އަނެއްހެން ހެރިޓޭޖަށް އަޅުގަނޑުމެން ވަކި ނާންގަން އެ ގާތައް ގެންދާކަށް. އެ ބޭފުޅުން ބޭނުންވީމަ ގެންދަންވީ. އޭގަ ހުންނާނެ 100 އަހަރަށްވުރެ ގިނަ ދުވަސްވީ މަހާނަ ގާތައްވެސް." އޭނާ ވިދާޅުވި އެވެ.
ސަގާފީ ތަރިކަ ރައްކާތެރި ކުރުމާބެހޭ ގައުމީ މަރުކަޒުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ގަބުރުސްތާނުން ނަަގާފައި ހުރި ހިރިގަލުގެ މަހާނަގާތަކާއި އެ މަރުކަޒުން ހަވާލު ވަންދެން އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އެދި ދިއްދޫ ކައުންސިލަށް މިހާރު ސިޓީއެއް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ކައުންސިލުން އެތަކެތި ރައްކާތެރިކޮށް ބަލަހައްޓާނެ ގޮތް ހިއްސާ ކުރުމަށްވެސް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސިޓީ މިދިޔަ އާދީއްތަ ދުވަހު ދިއްދޫ ކައުންސިލަށް ފޮނުވާފައިވީނަމަވެސް މިހާތަނަށް ޖަވާބެއް ދީފައި ނުވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ދިއްދޫ ކައުންސިލް ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ސަގާފީ ތަރިކަ ރައްކާތެރި ކުރުމާބެހޭ ގައުމީ މަރުކަޒުގެ ސިޓީއެއް އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ. އަދި ސިޓީގެ ޖަވާބު ތައްޔާރު ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ޖަވާބުގެ މާބޮޑު ތަފުސީލެއް އޭނާ ނުދެއްވިއެވެ.