ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ކުރެވޭ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރު ކުރުމާ ގުޅިގެން، އެމަނިކުފާނު ހައްޔަރުކޮށްގެން މާފުށީ ޖަލަށް ދެންމެ ގެންގޮސްފި އެވެ.
ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާއިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ފައިސާ، ލޯންޑާކުރި މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތުމާ ގުޅިގެންނެވެ.
މި މައްސަލައާ ބެހޭގޮތުން ގޮތެއް ނިންމުމަށް މިއަދު 1:30ގައި ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަށް އެމަނިކުފާނު ވަޑައިގެންނެވީ، މިއަދު 1:24ގަ އެވެ.
ރައީސް ޔާމީން ބަންދުކުރުމާ މެދު ގޮތެއް ނިންމުމަށް ދެގަޑިއިރަށްވުރެ ގިނަ އިރުވަންދެން ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި، ރިމާންޑް ޖަލެއްގައި (ޝަރީއަތުގެ މަރުހަލާގައި ބަހައްޓާ ޖަލު)ގައި ރައީސް ޔާމީން ހައްޔަރުކޮށްފައި ބެހެއްޓުމަށް އަމުރު ކުރެއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ.
މިއަދުގެ ޝަރިއަތުގެ މަޖިލީހުގައި، ޝަރީއަތް ނިމެންދެން ޔާމީން ހައްޔަރު ކުރަންޖެހޭކަން ބަޔާންކުރައްވައި ދައުލަތުގެ ވަކީލުން ވަނީ އެމަނިކުފާނު ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވާފައިވާ ކަމަަށް ވިދާޅުވެފަ އެވެ.
އެގޮތުން ޔާމީން ހެކީންނަށް ފައިސާ ހުށަހަޅާފައިވާ ކަމަށާއި ތަހުގީގަށް ދިން ބަޔާންތައް ބަދަލު ކުރުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވިކަން ލިއުންތަކުން ދޭހަވާ ކަމަށެވެ.
ރައީސް ޔާމީން ހައްޔަރު ކުރުމާ ގުޅިގެން އެމަނިކުފާނުގެ ވަކީލުން ވަނީ އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުއްވުމަށް ނިންމަވައިފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.