ވޭތުވެ ދިޔައީ ހަލާލު މަސައްކަތުން ކައިބޮއެ އުޅޭ މުޖުތަމައެއް ހަލާކުކުރަން މަސައްކަތް ކުރި ފަސް އަހަރު ކަމަށް ޕީޕީއެމްގެ ކުރީގެ ނާއިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް' (އެމްއާރުއެމް)ގެ އިސް ބޭފުޅެއް ކަމަށްވާ ނާދިރާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ނާދިރާގެ ޓްވީޓްގައި ވިދާޅުވީ ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ގައުމުގައި އާންމުކުރުމަށް އުޅުނީ ތަރައްގީގެ ނަމުގައި ވައްކަން ކަމަށެވެ.
އެހެންނަމަވެސް ވައްކަމަކީ މި ގައުމުގައި ފިކުރަކަށް ނުހެދޭނެ ކަމަށް ނާދިރާ ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ މަނީ ލޯންޑަރިން މައްސަލައިގައި ހެކީންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދުގައި ބެހެއްޓުމަށް ވަނީ ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ. ކްރިމިނަލް ކޯޓުން އަމުރު ކުރީ އެ މައްސަލައިގެ ތަހުގީގު ނިމެންދެން ރައީސް ޔާމީން ޖަލު ބަންދުގައި ބެހެއްޓުމަށެވެ.