އިބްރާހިމް ޒަކީ
1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލި ހާދިސާއާބެހޭ ޕަބްލިކު ހިޔަރިންތަކެއް ބޭއްވުމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސް ޕާސަންގެ އޮފީހުން ނިންމައިފިއެވެ.
އެ އޮފީހުން މިއަދު ބުނީ، އެކަމާބެހޭ ޕަބްލިކް ހިޔަރިންއެއް ބާއްވަން ނިންމީ، އެ ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިޔަކު ހިންގި ކަމަށް ބުނެ އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިނގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
އޭގެ އިތުރުން މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދުންވެސް އަޑުއެހުން ބާއްވަން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
އޮމްބަޑްސް ޕާސަންގެ އޮފީހުން ބުނީ އެ މައްސަލަތަކުގެ އަޑުއެހުންތައް ތިނަދު އާއި މާލޭސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ތިނަދޫގައި ބާއްވާ އަޑުއެހުންތައް އޮންނާނީ، އަންނަ މާޗު މަހުގެ ތިންވަނަ ދުވަހާއި، ފަސްވަނަ ދުވަހު ކަމަށާއި، މާލޭސިޓީގައި ބާއްވާ އަޑުއެހުންތައް އޮންނާނީ މާޗްމަހުގެ 18 ވަނަ ދުވަހާއި 19 ވަނަ ދުވަހު ކަމަށްވެސް ބުނެފައިވެއެވެ.
މި އަޑުއެހުންތަކުގައި ބަޔާންދިނުމަށް އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ ފަރާތްތަކުގެ ނަން ނޯޓުކުރުން މިއަދުން ފެށިގެން މިމަހު 15 ވަނަ ދުވަހާ ދެމެދު ކަމާބެހޭ މައުލޫމާތުތައް އެ އޮފީހާ ހިއްސާ ކުރުމަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ އެ އޮފީހުގެ ފޯނު ނަންބަރު 7223473 އަށް ގުޅައިގެން، ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އަދި[email protected] އަށް އީމެއިލް ކޮށްގެން މި މައުލޫމާތުތައް ހިއްސާކުރެވޭނެ ކަމަށެވެ.
އާންމު އަޑުއެހުމުގައި ބައިވެރިވާ ފަރާތްތަކުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާއި، ބަޔާންދޭން ނަންނޯޓުކުރާ ފަރާތްތަކުގެ ތެރެއިން ފުރުސަތު ދެވޭނެ ފަރާތްތައް ކަނޑައަޅާނެ ގޮތުގެ މައުލޫމާތު ޝީޓެއްވެސް އެ އޮފީހުން މިއަދު ވަނީ އާއްމު ކޮށްފައެވެ.