ވެލާނާ އިންޓަނޭޝަން އެއާޕޯޓު (ވީއައިއޭ)ގެ އާ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުން ކޮންމެ ދެ މިނެޓަކުން ފްލައިޓެއް ޖެއްސުމުގެ ގާބިލުކަން ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.
އެމްއޭސީއެލުން މިއަދު ބުނީ، ވީއައިއޭގައި ތަރައްގީކޮށްފައިވާ އާ ރަންވޭ ވަގުތީގޮތުން ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ މިއަދު ކަމަށެވެ. ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުން، އެއާޕޯޓުގެ އޮޕަރޭޝަންތައް އަވަސްވެ ގަޑިއިރެއްގެ ތެރޭގައި 8 މަތިންދާބޯޓަށް ރަންވޭ ބޭނުންކުރެވޭނެ ކަމަށެވެ. ޕީކްގަޑިތަކުގައި 16 އަށްވުރެ ގިނަ މަތިންދާބޯޓަށް ހިދުމަތްދެވޭނެ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.
އާ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުގެ ސަބަބުން ވައިގެ ތެރޭގައި މަތިންދާބޯޓު މަޑުކުރަން ޖެހޭ ވަގުތު ކުޑަވެ ޕަސެންޖަރުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެމަށް އެމްއޭސީއެލުން ބުންޏެވެ. އަދި މަތިންބޯޓު ހުސްކުރުމަށް ހޭދަވާ 10 މިނިޓު ދެ މިނިޓަށް ކުޑަކުރެވިފައިވާ ކަމަށާއި އެހެންކަމުން އިތުރު މަތިންދާބޯޓެއް ރަންވޭއަށް ޖެއްސުމާއި ނައްޓާލުމަށް ހޭދަވާ ވަގުތު ދެ މިނިޓަށް ކުޑަކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.
ވަގުތީ ގޮތުން އާ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށި ނަމަވެސް މަތިންދާބޯޓު ޖައްސައި ފުރުމަށް މިއަހަރުގެ ތިންވަނަ ކުއާޓާގައި ރަންވޭ ބޭނުންކުރަން ފަށާނެކަމަށް އެމްއޭސީއެލުން ބުނެއެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އާ ރަންވޭއަކީ 3،4000 މީޓަރު ދިގު ފުޅާމިނުގައި 65 މީޓަރު ހުންނަ ރަންވޭއެކެވެ. މި ރަންވޭ ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ ސެފްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. ނަމަވެސް ރަންވޭ މިހާތަނަށް އައިއިރުވެސް ބޭނުންކުރަން ފަށާފައެއްނުވެއެވެ.
މި ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ.