ނުލަފާ ކަމަކީ މޮޅުކަމެއް ނޫން ކަމަށާއި އަދި ގަދަ ކަމެއްވެސް ނޫން ކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
އިންތި މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ނިމެންދެން ހައްޔަރުކުރަން ކޯޓުން އަމުރުކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
މިގޮތުން މި ޓުވީޓުގައި އިންތި ވަނީ ދުނިޔެ ދައުރުވަމުންދާ ގޮތަށް ބަލާއިރު މިދުވަހަކީ ނައިސް ނުދާނެ ދުވަހެއްކަން ރައީސް ޔާމީނަށް ވަރަށް ހަނދާންކޮށްދެވުނު ކަމަށާއި މިއޮތީ މިހާރު އެދުވަސް އައިސްފައިކަމަށް ވިދާޅުވެފައެވެ. މިޓުވީޓުގައި އިންތި އިޝާރާތް ކުރައްވާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އެކި ސިޔާސީ ލީޑަރުން ހައްޔަރު ކުރެއްވި ކުރެއްވުމަށް އިޝާރާތްކޮށް، މިއަދު ރައީސް ޔާމިން ހައްޔަރުކުރެވުމުން އެދެކަން ގުޅުވާ ވާހަކަ ދައްކާ މޭރުމަކުންނެވެ.
ކްރިމިނަލް ކޯޓުން މިއަދު ރައީސް ޔާމީންގެ ޝަރީއަތް ނިމެންދެން ހައްޔަރުކުރުމަށް އަމުރުކޮށްފައިވަނީ ރައީސް ޔާމީން ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް އެދިފައިވާތީ އެވެ. ރައީސް ޔާމީން ހައްޔަރުކޮށްގެން ގެންދިޔައީ މާފުށީ ޖަލަށެވެ.