ޚަބަރު

ޒިކުރާ މިސްކިތުގެ މައްސަލައިގައި ހުކުމް އިއްވަން އޮތް ދުވަހު އެސްޖޭއިން މައްސަލަ އަނބުރާ ގެންގޮސްފި

މުހައްމަދު އިޝާން

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުން ބާތިލުކުރި މައްސަލައިގައި 111 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެސްޖޭ ކޮންސްޓްރަކްޝަނުން ދައުވާކުރި މައްސަލައިގެ ހުކުމް އިއްވަން ހައި ކޯޓުން ތައާވަލުކޮށްފައި ވަނިކޮށް އެސްޖޭ ކުންފުނިން އެ މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތްކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓަރަކްޝަނާ އެކު ހެދި އެއްބަސްވުން މި ސަރުކާރުން ވަނީ ބާތިލުކޮށްފައެވެ. އެއްބަސްވުން ބާތިލުކުރުމުން 111 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ހޯދަން އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ ދައުލަތާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ އެސްޖޭ ކޮންސްޓްރަކްޝަނާ ދެކޮޅަށެވެ.

އެ ހުކުމް އެސްޖޭ ކޮންސްޓްރަކްޝަނުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފުކޮށްފައި ވަނިކޮށް އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ ސަރުކާރާ އެކު އެއްބަސްވުމަކަށް އައިސް، އެސްޖޭ ކޮންސްޓްރަކްޝަނުގެ ހަރަދުގައި ހުޅުމާލޭގައި މިސްކިތެއް އަޅަން އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ހައި ކޯޓަށް އެސްޖޭ ކޮންސްޓްރަކްޝަނުގެ ފަރާތުން އިސްތިއުނާފުކުރި މައްސަލައިގެ ހުރިހާ މަރުހަލާއެއް ނިމި ހުކުމް އިއްވާ ޝަރީއަތް ތާވަލުކުރީ އިއްޔެއަށެވެ. އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ އެ މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ހައި ކޯޓަށް ސިޓީއެއް ފޮނުވައިފައެވެ. އެހެންވެ ހައި ކޯޓުން ވަނީ އެ މައްސަލަ ބާތިލުކޮށްފައެވެ. ނަމަވެސް އެ މައްސަލަ އަނބުރާ ގެންދެވޭނެކަމާމެދު ފަނޑިޔާރުންގެ މެދުގައި ވަނީ ރައުޔު ތަފާތުވެފައެވެ.

އެގޮތުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވިދާޅުވެފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނަށް އެ މައްސަލަ އަނބުރާ ނުގެންދެވޭނެ ކަމަށެވެ. އެއީ އެ މައްސަލަ އަނބުރާ ގެންދަން އެސްޖޭއިން ފޮނުވި ސިޓީގައި އެއްބަސްވުމާ ހިލާފުވެފައި ވަނީ ދައުލަތުން ކަމަށް އެ ކުންފުނިން ދެކޭ ކަމަށް ބުނެފައި އޮތުމުންނެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވީ އެސްޖޭ ކޮންސްޓްރަކްޝަނުން ކުރި އިސްތިއުނާފީ މައްސަލައެއްގައި އެސްޖޭ ކޮންސްޓްރަކްޝަނުން އަމިއްލައަށް ގޮތް ނިންމުމަށް ފަހު ފޮނުވާ ސިޓީއަކަށް ބިނާކޮށް މައްސަލަ ބޭރު ނުކުރެވޭނެ ކަމަށެވެ. އަދި އެ މައްސަލަ ބޭރު ނުކޮށް ހައި ކޯޓުން ހުކުމެއް އިއްވަން ޖެހޭނެ ކަމަށް ފަނޑިޔާރު ނިޔާޒު ދެކެވަޑައިގަތެވެ.

ނަމަވެސް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުން ނިންމެވީ އެ މައްސަލަ އަނބުރާ ގެންދެވޭނެ ކަމަށެވެ.