އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރެއްގެ ގޮތުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ފެށުމުން އޭސީސީގެ މެމްބަރުކަމުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވި މެމްބަރު އަލީ އަޝްރަފް، ޓެންޑާ ބޯޓުގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފިއެވެ.
އޭސީސީގެ މެމްބަރުކަމުގެ މަގާމުން އަޝްރަފް އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. އަޝްރަފް އިސްތިއުފާދެއްވާފައިވަނީ އެ ކޮމިޝަންގެ މަސައްކަތް ލަސް ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުން ނިންމައިގެން އެތަނުގެ ޕާފޯމަންސް އޮޑިޓެއް ކޮށް އޭނާ މަގާމުން ވަކިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ގުޅޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.
އަޝްރަފްގެ އިސްތިއުފާއަށް ފަހު، އޭސީސީގެ މެމްބަރުކަމުގައި ދެން ތިއްބެވި ހަތަރު މެންބަރުން ވެސް ވަނީ އިސްތިއުފާދެއްވައިފައެވެ. އޭސީސީގެ މެމްބަރުކަމުން ޑިސެމްބަރު 16ގައި އިބްރާހިމް ޝަކީލް އިސްތިއުފާދެއްވި އިރު، ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އަދި އާއިޝަތު އަބުދުﷲ އިސްތިއުފާދެއްވީ ޑިސެމްބަރު 27 ގައެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޓެންޑާ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އަޝްރަފް އައްޔަންކުރީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ޓެންޑާ ބޯޑުގައި އަޝްރަފް ހިމެނޭހެން އިތުރު ހަ މެމްބަރަކު ތިއްބަވައެވެ.
ޓެންޑާ ބޯޑުގެ މަސައްކަތަކީ ޓެންޑާ ސަރުކާރުގެ ޕްރޮކިއުމަންޓުގެ ކަންކަމާ ގުޅޭ އުސޫލުތައް އެކުލަވާލައި ޕްރޮކިއުމަންޓާ ގުޅޭ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމެވެ. ސަރުކާރުން ކުރިއަށް ގެންދަން ނިންމާ މަޝްރޫއުތަކުގައި ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ ބިޑްތަކުގެ ކަންކަން ވެސް ކުރާނީ ޓެންޑާ ބޯޑުންނެވެ.
އޭސީސީގެ މެމްބަރުކަމުގެ ކުރިން އަޝްރަފު ވަނީ، ވިލާ ކޮލެޖުގެ ޑިރެކްޓާ އޮފް މާކެޓިންގެ މަގާމުގެ ވެސް އަދާކުރައްވައިފައެވެ.