އިބްރާހިމް ޒަކީ
ޓިނުނަގައިގެން މޯބައިލް ފިހާރައަކުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ތަކަކާއި، ގަޑި ތަކަކާއި ދެ ޕީއެސްގެ އިތުރުން ފައިސާތަކެއް ވަގަށްނެގި މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ، މއ. ފެއަރީހައުސް އަހުމަދު ޝާންގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާކުރީ، އަހުމަދު ޝާން އިތުރު މީހަކާއެކު 15 ޖޫން 2021 ގައި މާވެޔޮ މަގުގައި ހުންނަ ބެސްޓްބައި މޯބައިލް ފިހާރައިގެ ފުރާޅުން ޓިނު ނަގައިގެން އެ ފިހާރައިގެ ސީލިން ހަލާކު ކޮށްލައިގެން ފިހާރަ ތެރެއަށްވަދެ 37 މޯބައިލް ފޯނާއި، ދެ ޕީއެސް އާއި ފަސް ބަޖެޓު ވޮޗާއި، 2420 ރުފިޔާ ވަގަށްނެގި މައްސަލައިގައެވެ.
މި މައްސަލައިގައި އޭނާ ވަގަށްނެގި ތަކެތި، މއ. ފެއަރީ ހައުސް 3 ގޭގައި ފޮރުވާފައިހުއްޓައި ފެނިފައިވާއިރު އެކަމަށް އަހުމަދު ޝާން ވަނީ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެސް ވެފައެވެ.
އެ ފިހާރައިން އޭނާ ނެގި ފޯނު ތަކުގެ ތެރޭގައި، "އައި ފޯން 12 ޕްރޯމެކްސް" ގެ ދެ މޯބައިލް ފޯނާއި، "ސެމްސަންގ އޭ2" ބްރޭންޑްގެ ދެ ފޯނާއި "ސެމްސަން އޭ 51" ބްރޭންޑްގެ ދެ ފޯނާއި، "ސެމްސަންގ އޭ 72" ގެ ފޯނަކާއި، "ސެމްސަންގ އެސް10" ގެ ވައިޓް ބްރޭންޑްގެ ދެ ފޯނާއި "ސެމްސަންގ އެސް10" ބްރޭންޑްގެ ދެ ފޯނާއި، "ސެމްސަންގ އެސް10 ޕްލަސް" ބްރޭންޑްގެ ފޯނަކާއި "ސެމްސަންގ ނޯޓު10"ލައިޓް ބްރޭންޑްގެ ފޯނަކާއި، "ސެމްސަންގ ނޯޓު10" ފޯނަކާއި، "ސެމްސަންގ ނޯޓު10" ޕްލަސް ބްރޭންޑްގެ ތިން ފޯން ހިމެނެއެވެ.
މީގެ އިތުރުން "ސެމްސަންގ ނޯޓު20" އަލްޓްރާ ބްރޭންޑްގެ ފޯނަކާއި، "ސެމްސަންގ ނޯޓު20" ޕްލަސްގެ ދެ ފޯނަކާއި "ސެމްސަންގ އެސް21" ގެ އަށް ފޯނާއި، "ސެމްސަންގ އެސް21" ޕްލަސްގެ ހަތަރު ފޯނާއި، "ޒިއޯމީ އެމްއައި ނޯޓް10" ޓީ ލައިޓް ބްރޭންޑްގެ ފޯނަކާއި، "ޒިއޯމީ އެމްއައި ނޯޓް10" ލައިޓް ބްރޭންޑްގެ ފޯނަކާއި، ދެ ޕީއެސްފައިވް އާއި ދެ "ވަން ޕްލަސް ޒެޑް" ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
މި މައްސަލައިގައި އަހުމަދު ޝާންގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް އޭގެ ތެރެއިން އޭނާގެ މައްޗަށް ތަންފީޒު ކުރަންޖޭ އަދަބަކީ، ދެ އަހަރާއި ހަތަރު މަހާއި ނުވަ ދުވަހުގެ ޖަލު އަދަބެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ.